10 ޑިސެމްބަރ 2025 - 10:39

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި އަދި ގިނަ ކްލަބްތަކަކަށް އަމާޒުކޮށް އެ ގައުމުގެ ފުލުހުން ރެއިޑް އޮޕަރޭޝަނެއް ހިންގައިފި އެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަންގައި އެސޯސިއޭޝަންގެ އިތުރުން އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ 17 ކްލަބަކަށް އަމާޒުކޮށް 30 އަށް ވުރެ ގިނަ ރެއިޑް ކުރިއަށް ގެންދިޔަކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ރެއިޑްތަކަކީ ޓެކްސް އަށް މަކަރު ހެދުމާއި މަނީ ލޯންޑަރިންގެ އިތުރުން، އެސޯސިއޭޝަނާއި އެކި ކްލަބްތައް ސްޕޮންސާ ކުރަމުން އަންނަ ފައިނޭންޝަލް ސާވިސް ފާމް، "ސޫރް ފިނޭންޒާސް"ގެ ޝަރުއީ މައްސަލަތަކެއް، ކަސްޓަމްސް އާއި ރެވެނިއު ބަލަހައްޓާ ފަރާތުން ރިޕޯޓް ކުރުމާ ގުޅިގެން، އެ ގައުމުގެ އިސް ގާޒީ ލުއިސް އަރްމެލާގެ އަމުރަށް ހިންގާ ތަހުގީގެއްގެ ބައެކެވެ.
ޕޮލިހުން ވަނީ އާޖެންޓީނާގެ އެސޯސިއޭޝަންގެ އިތުރުން، ގައުމީ ޓީމުގެ ޓްރޭނިން ކޮމްޕްލެކްސް ވެސް ރެއިޑް ކޮށްފަ އެވެ. އަދި ސޫރް ފިނޭންޒާސް އާއެކު ހަދާފައިވާ އެއްބަސްވުންތަކާއި ފައިނޭންޝަލް ރެކޯޑްތަކާއި އިލެކްޓްރޯނިކް ޑޭޓާ ވެސް ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފަ ވެ އެވެ.
މި ތުހުމަތުތަކުގައި ރެއިޑް ކުރި ކްލަބްތަކުގެ ތެރޭގައި ރޭސިން ކްލަބާއި ސޭން ލޮރެންޒޯ ޑި އަލްމަގްރޯގެ އިތުރުން ކްލަބް އެތުލެޓިކޯ އިންޑިޕެންޑެންޓޭ އަދި ފުޓްބޯޅަ އެސޯސިއޭޝަންގެ އާއިލާއާ ގުޅުން ހުރި ކްލަބް ބަރަކާސް ސެންޓްރަލް ހިމެނެ އެވެ.
ރޭސިން ކްލަބުން ފުލުހުންނަށް "ފުރިހަމައަށް އެއްބާރުލުން ދެމުން" އަންނަ ކަމަށް ބުނާއިރު، އިންޑިޕެންޑެންޓޭ އިން ބުނަނީ އެ ކްލަބުން "އަބަދުވެސް އަމަލުކުރަމުން އަންނަނީ ގާނޫނާ އެއްގޮތަށް" ކަމަށެވެ.
އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ [ޗިކީ] ޓަޕިއާގެ ބަރަކާސް އަކީ ސިޔާސީ ނުފޫޒު ވަދެފައިވާ ކްލަބަކަށް ވުމާ ގުޅިގެން މަނީ ލޯންޑަރިންއާ ގުޅުން ހުރި ސްޕޮންސަޝިޕް މުއާމަލާތްތަކެއް ހިންގާފައި ވާކަމަށް ތުހުމަތު ކުރެވިފައިވެ އެވެ.
މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މި މައްސަލަތަކުގައި ގާނޫނާ ހިލާފަށް ޖުމްލަ 818 ބިލިއަން އާޖެންޓައިން ޕޭސޯސްގެ (ގާތްގަނޑަކަށް 560 މިލިއަން ޑޮލަރުގެ) މުއާމަލާތް ހިންގާފައިވާކަމަށް ތުހުމަތު ކުރެ އެވެ.
ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި މި ތަހުގީގު ފަށާފައި މިވަނީ އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޓަޕިއާ އާއި އެ ގައުމުގެ ރައީސް ހަވިއޭ މިލޭ އާ ދެމެދު ސިޔާސީގޮތުން ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.