09 ޑިސެމްބަރ 2025 - 23:09

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގައިވާ ގޮތަށް މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިިލިއަން ރުފިޔާ) ގެ ޓައުންޝިޕެއް ރާއްޖޭގައި ގާއިމްކުރަން ފުރަތަމަ ފަހަރަށް މިއަދު ބަޔަކަށް ހުއްދަ ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގެ ދަށުން ހިންގާ ބޯޑް އޮފް އިންވެސްޓްމެންޓްސް އިން އެ ހުއްދަ ދިނީ ކްރިސްޓަލް ހޯލްޑިންސް. ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. ސަސްޓެއިނަބްލް ޓައުންޝިޕް ގާއިމްކުރަން އެ ކުންފުންޏަށް ހުއްދަ ދިނީ 790 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކުރާ ގޮތަށް ޕްރޮޕޯސަލެއް ހުށަހެޅުމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބޯޑް އޮފް އިންވެސްޓްމެންޓުން ބުނީ ސަސްޓެއިނަބްލް ޓައުންޝިޕް ގާއިމްކުރަން ކްރިސްޓަލް ހޯލްޑިންގްސްއަށް ދިން ހުއްދައަކީ ހަމައެކަނި ކޮންވެންޝަނަލް ޓޫރިޒަމް މޮޑެލްތަކުގެ އިތުރުން މަލްޓިސެކްޓާ މޮޑެލް އަށް ދާން އެޅުނު ފާހަގަކޮށްލެވޭ ފިޔަވަޅެއް ކަމަށެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހު ބުނާގޮތުން ސަސްޓެއިނަބްލް ޓައުންޝިޕަކީ ގާނޫނުގައި ބަޔާންކުރާ ސިފަތަކާއި ވަސީލަތްތަކާ އެކު ގާއިމްކުރާ ލާޖް ސްކޭލް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާއެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމް ކުރުމެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން އެ މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރެވެ. އަދި ސަސްޓެއިނަބުލް ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޮނެންޓަކާ އެކު އިގުތިސާދީ އިޖުތިމާއީ އެހެން ސެކްޓާތަކުގެ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ. އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރި ކަމާއި އެކުއާ ކަލްޗާގެ މަސައްކަތް ކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކްއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް އަމާޒުކޮށްގެންނެވެ.
މީގެ އިތުރުން ރާއްޖޭން ބޭރުކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ތަނުގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކުރިމަގަށް އަމާޒުކޮށްގެން އިގުތިސާދީ ކުރިއެރުމަށް ކުރާ މަސައްކަތުގައި އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު ހާމަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.