09 ޑިސެމްބަރ 2025 - 20:01

މުޅި ދުނިޔޭގައި ވެސް މުޅިން އަލަށް، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ ވެއްޖެ އެވެ.
ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ މަޝްހޫރު އެތައް އެޕްލިކޭޝަނެއް މި މަހުގެ 10 އިން ފެށިގެން، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ނުވަދެވޭ ގޮތް ހަދަން ޓެކް ކުންފުނިތަކަށް ލާޒިމްކޮށްފައި ވާއިރު އެކަމުގައި ފެއިލްވެއްޖެ ކުންފުންޏެއް 33 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރާނެ އެވެ.
އޮސްޓްރޭލިއާ ވެފައިވަނީ ޓެކްނޮލޮޖީގެ ދާއިރާގައި އާދަޔާ ހިލާފަށް ނުފޫޒު ގަދަ ކުންފުނިތަކާ ދެކޮޅަށް ސިޔާސީ ބާރު ބޭނުންކޮށް އެ ކުންފުނިތައް ފަހަތަށް ޖެހެން މަޖުބޫރު ކުރުވި. މަދު ގައުމުތަކުގެ ތެރޭގަ އެވެ.
އޮސްޓްރޭލިއާ ސަރުކާރުން ބުނެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެލްގޮރިދަމް ހަދާފައިވަނީ ވަރަށް ބޮޑަށް އެޑިކްޓުވާ ގޮތަކަށް ކަމަށާއި ކުޑަކުދިން އަބަދު ސްކްރީނަށް ބަލަން ތިބޭއިރު ފެންނަނީ ބުލީކުރުމާއި ޖިންސީ ކަންކަމާ ގުޅޭ ކޮންޓެންޓާއި އަނިޔާވެރި އަމަލުތައް ކަމަށެވެ.
"ސޯޝަލް މީޑިއާ އަކީ، ގިނަ ފަހަރަށް، ސޯޝަލް އެއްޗެއް ނޫން،" ކުޑަކުދިނަށް ސޯޝަލް މީޑިއާ މަނާވާ ވަގުތު ޖެހުމުގެ ކުރިން ދެއްވި ބަޔާނުގައި ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ވިދާޅުވި އެވެ.
"އޭގެ ބަދަލުގައި އެ ބޭނުންކުރަނީ ބުލީކުރުމުގެ ހަތިޔާރަކަށް، ޕިއާ ޕްރެޝާގެ ޕްލެޓްފޯމަކަށް، އެންޒައިޓީއަށް ހުށަހަޅާ އެއްޗަކަށް، ސްކޭމަރުންނަށް ލިބޭ ފުރުސަތަކަށް، އަދި އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި އެއީ ޖިންސީ ގޯނާކުރާ މީހުންނަށް ވެސް ފަހި މައިދާނެއް."
އޮސްޓްރޭލިއާ އަށް މި މަހުގެ 10 ވަނަ ދުވަސް، ދަންވަރު 12 ޖެހުމާ އެކު ފެށިފައި ވާއިރު ކުދިން ހޭލާއިރު ދެން ފެންނާނީ ސޯޝަލް މީޑިއާ އެކައުންޓަކުން ލޮގްއައުޓް ވެފައި ވަނިކޮށެވެ.
މި ނިންމުމާ ދެކޮޅަށް ޓެކް ކުންފުނިތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ މީހުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ބެލެނިވެރިންގެ ތާއީދު ބޮޑެވެ.
މީގެ ފަހުން އޮސްޓްރޭލިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓިކް، ސްނެޕްޗެޓް އަދި ރެޑިޓް ފަދަ ޕްލެޓްފޯމްތަކުގައި އެކައުންޓެއް ނުހެދޭނެ އެވެ. އެކައުންޓް ހުޅުވާއިރު އުމުރު ކަށަވަރުކުރުމަށް ސެލްފީއަކާއި އައިޑެންޓިޓީ ކާޑު އަދި ބޭންކް އެކައުންޓް ލިންކު ކުރުން ފަދަ ކަންކަން ކުރަން ޖެހޭނެ އެވެ. ބައެއް ކުންފުނިތަކުން ބުނެފައިވަނީ އުމުރު ދެނެގަތުމަށް ބޭނުންކުރާނީ އޭއައި ޓެކްނޮލޮޖީ ކަމަށެވެ. -- އޭއެފްޕީ