09 ޑިސެމްބަރ 2025 - 13:47

ހަތަރު ފުރޮޅުލީ އުޅަނދުތައް ހުޅުމާލޭގައި ޕާކުކުރެވޭނެ ވަގުތީ ޖާގަތަކެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރު ޒޯންތަކެއް ކަނޑައަޅައިފި އެވެ.
އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ވަގުތީ ޕާކިން ޒޯންތަކެއް ހެދީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކޮށް، މަގުތަކުގައި އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުމަށެވެ.
އެޗްޑީސީން ބުނީ އެ ޕާކިން ޒޯންތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، އުޅަނދުތަކަށާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެ ކަމަށެވެ.
ޕާކު ކުރަން ހުޅުވާލާފައިވާ ޖާގަތަކުގައި 1،964 އުޅަނދު ޕާކު ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ވަގުތީ ޕާކިން ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ:
- މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ
- ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ
- ހިޔާ ޓަވަރު-16 ސަރަހައްދު: 1،233 ޖާގަ
- ވިނަރެސް ސަރަހައްދު: 362 ޖާގަ
މާލެ ސަރަހައްދުގައި ޕާކިން މައްސަލަ ބޮޑެވެ. މިކަމަށް ދިމާވެފައިވާ ދަތިތައް ދާއިމީ ގޮތެއްގައި ހައްލު ކުރަން މާލޭ ސަރަހައްދުގައި ޕާކިން އަށް ހާއްސަ ބިލްޑިންތަކެއް އިމާރަތްކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.