ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށައި ރޯދަމަހުގެ ކުރިން ނިންމަނީ!
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށައި ރޯދަމަހުގެ ކުރިން ނިންމަނީ!

ބޮޑުތަކުރުފާނު މަގުގައި އަލުން ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ނިންމައި އިއްޔެ ހުޅުވާލުމާ އެކު، ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލު ކޮށްގެން މިދިޔަ އޮގަސްޓް މަހު ފެށި 144 މިލިއަން ރުފިޔާގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ކަމަށްވާ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު ހުޅުވާލީ އިއްޔެ ހަވީރު އެވެ.

މިނިސްޓަރު މުއްތަލިބު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ފުރަތަމަ ސެގްމަންޓު ނިމުމާ އެކު، ދެވަނަ ސެގްމަންޓުގެ މަސައްކަތް މިއަދު ފަށާނެ އެވެ.

"ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ދެވަނަ ސެގްމަންޓުގެ މަސައްކަތް ނިންމައި ހުޅުވާލާނެ. އެ ޔަގީންކަމާ އެކު މަސައްކަތް މި ފަށަނީ،" އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ފެބްރުއަރީ 18 އެވެ.

ދެވަނަ ސެގްމަންޓަކީ މަސްމާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް ކަމަށް ވާއިރު މިނިސްޓަރު ވިދާޅުވި ގޮތުގައި، އޭގެ ފަހުން ޖުމްހޫރީ މައިދާން ހިސާބުން ފަށައިގެން ކާނިވާ ސަރަހައްދާ ހަމައަށް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ.

ފުރަތަމަ ސެގްމަންޓުގެ މަސައްކަތެކޭ އެއްގޮތަށް މަސްމާރުކޭޓާ ހިސާބުން ފެށިގެން ނޯތު ހާބަރު ހިމެނޭ ސަރަހައްދާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް މަގުފުޅާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން މުޅި އެ މަގުގައި ތާރު އަޅައި އެންމެ ޒަމާނީ ފެންވަރުގެ މަގަކަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިއަދު ސައިޑް ވޯކްސްގެ މަސައްކަތް ފަށައިގަނެވޭނެ،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބާޒާރުމަތީގެ ސަރަހައްދަކީ ވެހިކަލްތަކާ އެކު ތޮއްޖެހި، އަބަދު ވެސް ކާރޫބާރޫ ބޮޑު ސަރަހައްދަކަށް ވާއިރު، ހަތަރު ލޭން ލިބޭ ގޮތަށް މަގު ފުޅާކުރުމުގެ ވަރަށް ބޮޑު ލުޔެއް ލިބޭ ތަން މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށެވެ.