02 އެޕްރީލް 2017 - 11:01

ބާސެލޯނާ (އޭޕްރިލް 2) ބޭއަދަބީ ބަހުން ލައިންސްމަނާ މުހާތަބު ކުރުމުން ފީފާއިން ސަސްޕެންޑް ކޮށްފައިވާ އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަކީ އަބަދުވެސް ރެފްރީންނަށް އިހުތިރާމްކުރާ ކުޅުންތެރިއެއް ކަަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ގައުމީ ޓީމުގެ ހަތަރު މެޗަށް މެސީ ސަސްޕެންޑް ކޮށްފައިވާއިރު، މިރޭ ސްޕެނިޝް ލީގުގައި ގްރަނާޑާއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ސަސްޕެންޝަންގެ ސަބަބުން މެސީ އަށް ނުކުޅެވޭނެ އެވެ. މިރޭގެ މެޗަށް މެސީ ސަސްޕެންޑްވީ ލީގުގައި އެންމެ ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރީނދޫ ކާޑު ދެއްކުމުގެ ސަބަބުންނެވެ. އެ މެޗުގައި މެސީ އަށް ދެއްކީ ލީގުގައި ފަސް ވަނަ ރީނދޫ ކާޑެވެ.
"މެސީ އަބަދުވެސް ރެފްރީންނަށް އިހުތިރާމް ކުރޭ. އެއީ ޝައްކެއް އޮތްކަމެއް ނޫން. މެސީގެ ކަންތައްތަކާ މެދު މުޅި ދުނިޔެއިން ވިސްނާ. އޭގެ ތެރޭގައި އުޅޭނެ މެސީ ދެކެ ނަފުރަތު ކުރާ މީހުން ވެސް. އެއީ މައްސަލައެއް ނޫން،" އެންރީކޭ ބުންޏެވެ.
އޭނާ ބުނީ މޮޅެތި ކުޅުންތެރިންނަށް އަބަދުވެސް ޕްރެޝަރު އޮންނަ ކަމަށާއި މެސީ އަކީ ޕްރެޝަރާ ކުރިމަތިލެވޭ ފަދަ ގާބިލު ކުޅުންތެރިއެއް ކަމަށެވެ.
މެސީގެ އިތުރުން މިރޭގެ މެޗަށް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ހުރީ ސަސްޕެންޝަނެއްގަ އެވެ. އެންރީކޭ ބުނީ ދިގު ލީގެއްގައި ސަސްޕެންޝަންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި މިއީ ކޯޗެއްގެ ގޮތުގައި އޭނާ ވިސްނަން ޖެހޭ ކަންތައްތައް ކަމަށެވެ.
ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 27 މެޗުން 65 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 28 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. އެތުލެޓިކޯ ތިން ވަނަ އަށް އެރީ ރޭ މަލާގާ އަތުން 2-0 އިން ހޯދި މޮޅާ އެކު އެވެ. އެތުލެޓިކޯ އަށް ވަނީ 29 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ.
ރެއާލް އަމިއްލަ ދަނޑުގައި މިރޭ އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 19:15 ގަ އެވެ. އަދި ރަށުންބޭރުގައި ގްރަނާޑާއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 23:45 ގަ އެވެ.