08 ޑިސެމްބަރ 2025 - 14:12

އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލިޓްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އައިޓީ ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ދައުވާކުރާނެ ހެއްކެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ޕީޖީ އޮފީހުގެ ވެބްސައިޓުގައި ބުނީ އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ފަޒުލް އާއި ޝުހޫދުގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގާރީނާ ލިބިފައިވާ ނުވާތީ، އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ފަޒުލް އާއި ޝުހޫދުގެ މައްޗަށް ކުރި ތުހުމަތަކީ ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލިޓް ކޮށްލާފައި ވާތީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީން ބުނީ އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެ ކުންފުނީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލިޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ވެސް ފަޒުލް އާއި ޝުހޫދު އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.
"އެހެންކަމުން، އިބްރާހީމް ފަޒުލް ރަޝީދާއި އަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވެ އެވެ،" ޕީޖީގެ ވެބްސައިޓުގައި ބުންޏެވެ.
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދޫކޮށްފައިވާ މައްސަލާގައި ފުލުހުން ފަޒުލްއަށް ކުރީ އެ ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނާއި އޭސީސީން ގުޅިގެން މިދިޔަ އަހަރުން ފެށިގެން އަންނަނީ ތަހުގީގުކުރަމުންނެވެ.
އޭގެ ތެރެއިން ފަޒުލްއަށް އޭރު ކުރި ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ވެސް ހިމެނެ އެވެ. އަދި ޝަރުތު ހަމަނުވާ އިތުރު ބަޔަކަށް ވެސް ބިން ދޫކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ފަޒުލް އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.