އެމްޑީޕީގެ މެމްބަރުން "ފިލާ ތިއްބައި ނެރުނު ކަމަށް" އާޒިމް ވިދާޅުވި ވާހަކައަށް މާފަށް އެދެން މާރިޔާ ގޮވާލައިފި
އެމްޑީޕީގެ މެމްބަރުން "ފިލާ ތިއްބައި ނެރުނު ކަމަށް" އާޒިމް ވިދާޅުވި ވާހަކައަށް މާފަށް އެދެން މާރިޔާ ގޮވާލައިފި

އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން އެ ޕާޓީ "މާޔޫސްކަމުގެ ރަޖާލައިގެން" އޮއްވައި މޭޔަރު ކަމުގެ އިންތިހާބަށް ނުކުންނަވައި ޕާޓީއަށް ރޫހު ގެނުވީ އޭނާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމުން ނުރުހުންވެ، މެމްބަރުންގެ ކިބައިން މާފަށް އެދެން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފި އެވެ.

މާރިޔާ ވިދާޅުވީ އާޒިމް ވާހަކަ ދެއްކެވީ އެމްޑީޕީގެ މެމްބަރުން ކުޑައިމީސްވާ ގޮތަށް ކަމަށެވެ.

މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އާޒިމް ކެމްޕޭން ޖަލްސާއެއްގައި ރޭ ވިދާޅުވީ ވެރިކަން ގެއްލި އެމްޑީޕީ މާޔޫސްކަމުގެ ރަޖާ ލައިގެން އޮއްވައި "ރަޖާގަނޑު ދަށުން ނުކުމެ ހިތްވަރުކޮށްގެން މޭޔަރުކަމުގެ ގޮނޑި ހޯދައިދިނީ" އޭނާ ކަމަށެވެ.

"މި އާދަމް އާޒިމަކީ ވެރިކަން ގެއްލި، ޕާޓީ މާޔޫސްކަމުގެ ރަޖާލައިގެން އޮތް ވަގުތު އެއްކަލަ ރަޖާގަނޑު ދަށުން ނުކުމެ، ހިތްވަރުކޮށްގެން މާލޭގެ މޭޔަރުކަމުގެ ގޮނޑި، އެމްޑީޕީއަށް ކާމިޔާބުކޮށް ޕާޓީއަށް ރޫހު ގެނުވައިދިން އާދަމް އާޒިމޭ،" އާޒިމް ވިދާޅުވި އެވެ.

އެ ވާހަކައާ މެދު ނުރުހުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ 2012 ވަނަ އަހަރު "އިސްތިއުފާ ދިނުން ނޫން ގޮތެއް ނެތް ކަމަށް ބުނެ ވެރިކަމުން ވަކިކުރީމާ" ކުރިމަތިވެދާނެ ނުރައްކަލަކަށް ބެލުުމެއް ނެތި ނުކުތް "ރީނދޫ ލަޝްކަރު" ކަމަށެވެ. އޭގެ ފަހުން 2013 ގައި ޕީޕީއެމް ވެރިކަމަށް އައިސް ސިޔާސީ ގިނަ ފަރާތްތައް ޖަލަށް ލުމުން ނުކުތީ ވެސް އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ.

"...އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަމުން، އެމްޑީޕީގެ ހިތްވަރުގަދަ ރީނދޫ ލަޝްކަރަށް މިހާ ކުޑައިމީސްކޮށް ދެކިވަޑައިގެން އެމްޑީޕީގެ ހުރިހާ ވެސް ހިތްވަރަކީ މަނިކުފާނު ކަމަށް ވިދާޅުވެ މިމޭރުމުން ދެއްކެވި ވާހަކަތަކަކީ އެމްޑީޕީގެ މަންމަކަމަށް ގިނަ އެމްޑީޕީ މެންބަރުން ބުނާ މީހެއްގެ ހައިސިއްޔަތުން އަދި މިނޫން ވެސް އެތައް ހައިސިއްޔަތަކުން އަޅުގަނޑަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އެކްސްގައި މާރިޔާ ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އެ ވާހަކައާ މެދު އާޒިމް މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ރީނދޫ ލަޝްކަރަށް ނިސްބަތްކުރައްވަައި އެމްޑީޕީ ހުން އައިސް ރަޖާލާ، ފިލާ ތިއްބާ ނެރުނީ ތިމަންނާ ކަމަށް ވިދާޅުވެ، އެ ދެއްކެވި ވާހަކަފުޅަށް މަނިކުފާނު އެމްޑީޕީގެ ރީނދޫ ލަޝްކަރުގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ އެވެ،" މާރިޔާ ވިދާޅުވި އެވެ.