ކޮންމެ ނިންމުމެއް ނިންމަނީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް އެނގި ހުރެ: ރައީސް
ކޮންމެ ނިންމުމެއް ނިންމަނީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް އެނގި ހުރެ: ރައީސް

އަބަދުވެސް ރައްޔިތުންގެ ފަޅީގައި އޮންނާނެ މި ސަރުކާރުން ކޮންމެ ނިންމުމެއް ނިންމަނީ އާންމުންގެ ވިންދާއި އިހުސާސްތައް ރަނގަޅަށް އެނގިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ކަލާފާން ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެ މަނިކުފާނު ވެސް ހަގީގަތުގައި ވެސް މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންނާ ގާތުން ކަމަށާއި އަދިވެސް ދެމިހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކުގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވަނީ އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވާ ކަންކަމުގެ ހިޔާލާއި މަޝްވަރާ އަޑުއެހިން. އަޑު އަހާފައި އެއިން ކޮންމެ ކަމަކަށް އަޅުގަނޑު އެޑެންޓުވަން. އެޑްރެސްކުރަން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ މަޝްވަރާގެ އުސޫލުން ކަމަށާއި އެއީ މީގެ ކުރިން މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް އެ މަނިކުފާނު އަމަލު ކުރެއްވި ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިސާލަކަށް ވޭޕުގެ މައްސަލަ. އަޅުގަނޑަށް ހަމަ ޔަގީން މިއަދު ރާއްޖޭގައި ވޯޓެއް ނެގިޔަސް، ވޭޕް ބޭންކުރުމަށް ތާއީދުކުރާނެ 90 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޖެނެރޭޝަނަލް ބޭން ނުވަތަ 2007 އިން ފެށިގެން އުފަންވި އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހެދުމާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނާއި ގަވާއިދުތަކަށް މި ސަރުކާރުން ގެނައި ހަރުކަށި އިސްލާހުތަކަށް 90 ޕަސެންޓް ރައްޔިތުން ތާއީދުކުރާނެ ކަމާ މެދުގައި އެއްވެސް ޝައްކެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއިން ކޮންމެ ކަމެއްގައި އަޅުގަނޑުމެން މި ކުރާ ކަމަކީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް އެނގި ހުރެ، ރައްޔިތުންނަށް ބޭނުންވާ އެންމެ ރަނގަޅު ކަންތައްތައް ރައްޔިތުންނަށްޓަކާ ކޮށްދިނުމުގެ މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި ވެސް ރައްޔިތުންގެ ހިޔާލައި މަޝްވަރާ ވަރަށް ފުޅާ ދާއިރާއެއްގައި ސަރުކާރުން ހޯދަމުން އަންނަ ކަމަށެވެ. ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ނުވަތަ ކުރިއަށް އޮތް 20 އަހަރުގެ ރާއްޖޭގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ވެސް ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.