ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާކަން ވެސް އަޅުގަނޑަށް އެނގެނީ ނޫހުން: ރައީސް
ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާކަން ވެސް އަޅުގަނޑަށް އެނގެނީ ނޫހުން: ރައީސް

މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ވައުދުވެވަޑައިގެންނެވި ގޮތަށް ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ހުއްޓާލާފައިވާ ކަމަށާއި ބައެއް ބޭފުޅުން ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާ ކަން ވެސް އެނގިވަޑައިގަންނަވަނީ މީޑިއާ އިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ފައްޓަވާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ހެންވޭރުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، ޖުޑިޝަރީ އޮތީ ހަގީގީ މާނައިގައި މިނިވަންކޮށްފައި ކަަމަށެވެ.

އެ ކަމަށް ބާރު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ނުވަތަ ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވާން ކެރިވަޑައިގަންނަވާނެ އެއްވެސް ބޭފުޅަކު ނުހުންނާނެ ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވެދާނެ ތިއީ ދޮގެކޭ. ހަމަ ހަގީގަތުގައި ވެސް ބައެއް ބޭފުޅުން ކޯޓަށް ގެންދަން އިއުލާން ކޮށްފައި ނޫނިއްޔާ ކޯޓަށް ގެންދަން ޗިޓު ފޮނުވިކަން އަޅުގަނޑަށް ފެންނަނީ ނޫހުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނަކީ މީހަކު "ސިޔާވީ ވެގެން" އެ މީހަކާ މެދު ސިޔާސީ ގޮތުން ފިޔަވަޅު އަޅުއްވާނެ ބޭފުޅެއް ނޫނެވެ. އެގޮތުން އެ މީހަކު ފުލުސް އޮފީހަށް ނުވަތަ ކޯޓަށް ގެންދިއުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވި ބޭނުންވަނީ މި ގައުމުގައި ބަދަލުހިފުމުގެ ރޫހު ނައްތާލައި މި ހުންނަ ސިޔާސީ އޮއިވަރުގެ ތެރޭގައި އެކަކު އަނެކަކަށް އަނިޔާކުރުން ނައްތާލަންށޭ. އެއީ އަޅުގަނޑު ވީ ވައުދެއް. މި ދެ އަހަރު ވީއިރު ނުހުންނާނެ ސިޔާސީ ހައްޔަރީއެއް. އެހެންވީމާ ކޯޓުތަކަށް ނުފޫޒެއް ނުފޯރުވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަރަށް ޔަގީންކަމާ އެކު ރޭ ވެސް ވިދާޅުވީ އެ މަނިކުފާނު އަންގަވައިގެން ވަކި ގޮތަކަށް ކޯޓުތަކުން ކޮށްފައިވާ ކަމެއް ނުހުންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ކުރައްވާ ކަމަކީ ރައީސް ވިދާޅުވި ގޮތުގައި ކޯޓުތައް މިނިވަންކޮށްދިނުމެވެ.

އޭގެ ނަތީޖާ މިހާރު ފެންނަ ކަމަށާއި މީގެ ކުރިން ނަމަ މަސްތުވާތަކެތީގެ މައްސަލަތަކުގައި ނުވަތަ ބޮޑެތި ޖަރީމާތައް ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ނުކެރިފައި ތިބޭ ތިބުން ނިމުމަކަށް އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއީ މިނިވަން ވީމާ ކުރާ ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ވެސް އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ބަދަލު ކުރާނެ ކަމަށެވެ. އެ ކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހު ވެސް ހުށަހަޅުއްވާނެ ކަމަށާއި ކޮންމެ ކަމެއް ވެސް އެ ކަމަކަށް ހާއްސަ ތަރުތީބުގެ ތެރެއިން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

"ޖުޑިޝަރީ ހަގީގީ މާނައިގައި މިނިވަންކަމާ އެކު އޮޕަރޭޓް ކުރާކަން ރައްޔިތުންނަށް އިހުސާސްވާ ވަަރަށް ފެންނަން އެބަޖެހޭ ދެން ހުންނަ ފިޔަވަޅުތައް އަޅާއިރު ވެސް،" ރައީސް ވިދާޅުވި އެވެ.