07 ޑިސެމްބަރ 2025 - 19:18

މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްފައިވާ ވެހިކަލްތަކަށް ޕާކު ކުރެވޭނެ، ޕާކިން ޒޯނުތަކެއް ގާއިމުކޮށް، އާންމުންނަށް ހުޅުވާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން، ހުޅުމާލެ 2 ގައި ގާއިމުކޮށްފައިވާ ހަތަރު ޒޯނުގައި، ޖުމްލަ 1،200 ވެހިކަލް ޕާކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މިއީ ހުޅުމާލޭގައި ވެހިކަލް ތޮއްޖެހުން ކުޑަކުރުމަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ވަގުތީ ޕާކިން ޒޯނުތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހިޔާ ޓަވަރު 16 ކުރިމަތީގައި ހެދި ޕާކިން ޒޯން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މަގުމަތީގައި ޕާކުކުރުމުގެ ބަދަލުގައި، މި ޒޯނުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފަ އެވެ.
މިއީ ވަގުތީ ހައްލެއް ކަން ފާހަގަކުރައްވައި، އަމީން ވަނީ އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އަދި އެ ބިލްޑިންތައް ނިމުމުން، ޕާކިންގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި މި އާ ޕާކިން ޒޯނު ހުޅުވާފައިމިވަނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނިކޮށެވެ.