07 ޑިސެމްބަރ 2025 - 13:02

މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާތަކެއް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މިި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ގ. މާލެހިޔާ 1-16-03 އަހުމަދު ހައްސާން އެވެ.
އުމުރުން 33 އަހަރުގެ ހައްސާން ހައްޔަރުކުރީ އޭނާއާ ގުޅޭ ގޮތުން މިދިޔަ ނޮވެމްބަރު 30 ގައި އެންޓި ސްކޭމް ސެންޓަރަށް ލިބުނު ރިޕޯޓާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ހައްސާން ވަނީ މަކަރާއި ހީލަތުން އެކި ފަހަރު މަތިން އެކި މީހުންގެ އަތުން 150،300ރ. ހޯދައި އެ ފައިސާގެ ތެރެއިން 75،000ރ. ނަގާފައި ކަން ތަހުގީގަށް އެނގިފައި ވެ އެވެ.
ހައްސާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.