07 ޑިސެމްބަރ 2025 - 13:15

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް އެ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް ހަމަޖައްސަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހް ރަޝީދު "މިހާރު"އަށް މިއަދު ވިދާޅުވީ ޕާޓީއެއްގެ އާންމު މެމްބަރަކު އެ ޕާޓީއަކުން ވަކިވާން ބޭނުންވެއްޖެ ނަމަ، އީސީގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް ހުށަހެޅުމުން ވަގުތުން ޕާޓީން ވަކިކޮށްދޭން މިހާރު ނިންމާފައިވާ ކަމަށެވެ.
އެ އުސޫލަށް އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން އަމަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ސިޔާސީ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްދޭން އެދިއްޖެ ނަމަ، ވަކި މުއްދަތެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮމިޝަނަކުން އަދި ނުނިންމާ އެ މުއްދަތެއް. އެކަމަކު، އެ ބޭފުޅުން ވަގުތުން ޕާޓީން ވަކި ނުވާނެ ގާނޫނީ ގޮތުން ސާފުކުރަން ޖެހޭ ކަންކަން ހުންނާނެތީ،" ސޮލާހް ވިދާޅުވި އެވެ.
"އެންޓި ޑިފެކްޝަންގެ ގާނޫނުގެ ދަށުން އަޅުގަނޑުމެން ތިބޭނެ ބްލެކްލިސްޓްކޮށްފައި ތިބޭ ބޭފުޅުން [ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ މީހުންނާއި މަޖިލިސް މެމްބަރުން]. އެ ހުރިހާ އެންމެން އަޅުގަނޑުމެންގެ ސިސްޓަމުން އެނގެން ހުރޭ މިހާރު." އޭނާ ވިދާޅުވި އެވެ.
ޕާޓީތަކުން މިހާރު ވަކިކޮށްދެނީ އީސީގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދޭތާ 14 ދުވަސް ތެރޭގަ އެވެ.
ސޮލާހް ވިދާޅުވީ ސިޔާސީ ޕާޓީއަކަށް ވަނުމަށް އެދޭ ފޯމް ޕްރޮސެސްކުރަން މިހާރު އޮންނަ ތިން ދުވަހުގެ މުއްދަތު ވެސް އުވާލުމަށްފަހު ވަގުތުން ޕާޓީއަށް ވަދެވޭ ގޮތް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެއީ، ޕާޓީއަށް ވަންނަ ފޯމް މިހާރު ހުށަހަޅަނީ އިފާސް މެދުވެރިކޮށް އީސީގެ ޕޯޓަލް އިން ކަމަށް ވާއިރު، އީސީ އަށް ފޯމު ލިބޭއިރު އީފާސް މެދުވެރިކޮށް ވެރިފިކޭޝަން ޕްރޮސެސް ނިމިފައި އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އޮވޭ ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ނަމަ، ސްޕީޑް އަވަސްކޮށް ހަ ގަޑިއިރުގެ ތެރޭގައި ޕާޓީއަށް ވަދެވޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އެ ބަދަލު ގެނައުމުގެ ބޭނުމަކީ ސޮލާހް ވިދާޅުވި ގޮތުގައި، ޕާޓީއަކުން ވަކިވެ، އެހެން ޕާޓީއެއްގެ މަގާމަކަށް ކުރިމަތިލާން ނުވަތަ އެތެރޭގެ އިންތިހާބެއްގައި ވާދަކުރަން ބޭނުންވި ނަމަވެސް، 14 ދުވަހުގެ މުއްދަތު އޮތުމުން އެކަމަށް ހުރަސްއެޅޭ ކަމުގެ ޝަކުވާ ލިބޭތީ އެވެ. އަދި ބައެއް ޕާޓީތަކުން މެމްބަރުން ވަކިވިޔަ ނުދީ ހިފަހައްޓާ ކަމުގެ ޝަކުވާ ވެސް ބޮޑުވުމެވެ.
"ވަކިވާން އެެދުނީމަ އެތައް ދުވަހެއް ވަންދެން އެކަން ސާބިތުނުވެގެން މަޑުކުރަން ޖެހޭ ހާލަތު އެބައާދޭ މިހާރު އެގޮތަށް އޮތީމަ. ހިފެހެއްޓުމުގެ ބާރު އޮވޭ. އެ ހިސާބުން އެބަޖެހޭ ދޮގެއް ހަދައިގެން ވިޔަސް، އެވެނި މަގާމަކަށް ވަންނަން ވެގެންނޭ ވަކިވާން އެދެނީ ބުނަން. މި ކަހަލަ ޝަކުވާތައް އަންނާތީ،" އޭނާ ވިދާޅުވި އެވެ.
"އެމީހެއްގެ އަމިއްލަ މިނިވަން ކަމެއް އެއީ ޕާޓީއެއްގައި އުޅުމާއި ނޫޅުން."
ދައުލަތުން ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހޯދުމުގެ ބޭނުމުގައި ވެސް ބައެއް ޕާޓީތަކުން މެމްބަރުން ވަކިވިޔަ ނުދީ ހިފަހައްޓާ ކަމަށް އޭނާ ވިދާޅުވި އެވެ.