07 ޑިސެމްބަރ 2025 - 13:07

އެއް ވަގުތެއްގައި އެއް ތަނެއްގައި 307 މީހުން ފީނައިގެން ދުނިޔޭގެ ރެކޯޑެއް ރާއްޖޭގައި ހަދައިފި އެވެ.

ފްރީޑައިވް މޯލްޑިވްސް އާއި ސިޔާމް ވޯލްޑް ގުޅިގެން މިދިޔަ ހުކުރުދުވަހު ސިޔާމް ވޯލްޑްގައި ހެދި ރެކޯޑަކީ އެއް ވަގުތެއްގައި، އެއް ތަނެއްގައި އެންމެ ގިނަ މީހުން ފީނުމުގެ (ސްނޯކުލް ކުރުމުގެ) ރެކޯޑެވެ.

އެ ހަރަކާތުގެ ބައިވެރިންނަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ދޭ ރަން މެޑެލް ވަގުތުން ވަނީ ދީފަ އެވެ.
ފްރީޑައިވް މޯލްޑިވްސްގެ އިންސްޓްރަކްޓަރު ފަހުދު ފާއިޒް ވިދާޅުވީ ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްގެ އޮފިޝަލުންގެ ހާޒިރުގައި ހުކުރު ދުވަހު ހިންގި ހަރަކާތުގައި އެ ޖަމިއްޔާ އާއި ސިޔާމް ވޯލްޑް އިން ވެސް ދުނިޔޭގެ ރެކޯޑް ހެދި ކަމަށެވެ.
ސިޔާމް ވޯލްޑް ވެފައި ވަނީ ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން ދުނިޔޭގެ ރެކޯޑެއް ހެދި ފުރަތަމަ ރިސޯޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ރެކޯޑް ހެދުމުގައި ކުރަން ޖެހުނު ކަމަކީ އެންމެން އެއް ތަނެއްގައި ތިބެފައި ބޯ ނުހިއްލައި އެއް މިނެޓް ވަންދެން ފީނުން، މިއީ، މިހާ ގިނަ ބަޔަކު އެއް ވަގުތެއްގައި އެއް ތަނެއްގައި ތިބެ މިފަދަ ހަރަކާތެއް ހިންގި ފުރަތަމަ ފަހަރަށް ވުމުން ރެކޯޑަކަށް މިވީ،" ފަހުދު ވިދާޅުވި އެވެ.
ނ. ދިގުރަށުގައި ހަދާފައިވާ ފަސްތަރީގެ ލަގްޒަރީ ރިސޯޓް ސިޔާމް ވޯލްޑް އާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި "ސްނޯކުލް ވޯލްޑް 300" ހަރަކާތުގައި ހދ، ނ، އަދި ބ. އަތޮޅުގެ ބައެއް ރަށްރަށުން މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ނައިވާދު އާއި ނ. ވެލިދު އާއި ކެނދިކުޅުދޫގެ އިތުރުން އެ އަތޮޅުގެ ބައެެއް ރިސޯޓް ތަކާއި ބ. އޭދަފުށްޓާއި މާޅޮހާއި ދަރަވަންދޫ ހިމެނެ އެވެ.
ޖުމްލަ 250 މީހުން ބައިވެރިކުރަން އަމާޒުކޮށްގެން ބޭއްވި އެ ހަރަކާތުގައި ޖުމްލަ 307 މީހުން ބައިވެރި ވި އެވެ.
ފަހުދު ވިދާޅުވި ގޮތުގައި އެ ހަރަކާތުގައި ދިވެހިންގެ އިތުރުން ސިޔާމް ވޯލްޑްގައި ތިބި ޓޫރިސްޓުން ވެސް ބައިވެރިވި އެވެ.
"ޓޫރިސްޓުން، ވަރަށް އުފާވި ކަމަކަށް މިކަންވީ. އެ މީހުންނަކަށް ނޭނގޭނެތާ ޗުއްޓީއަށް އަންނަ އިރު ދުނިޔޭގެ ރެކޯޑަކަށްވާ ކަމެއްގައި ބައިވެރިވެވޭނެ ކަމެއް. އެހެން ތިއްބައި ފުރުސަތު ލިބުމުން ވަރަށް އެކްސައިޓް ވެފައި ތިބީ،" އޭނާ ވިދާޅުވި އެވެ.
ވޯލްޑް ރެކޯޑް ހެދުމުގެ ދެ ހަރަކާތެއް ފްރީޑައިވް މޯލްޑިވްސް އިން އޯގަނައިޒްކޮށްގެން މީގެ ކުރިން ވެސް ވަނީ ބާއްވައިފަ އެވެ. އެއީ "ނޭވާ 1 ގެ ނަމުގައި 2019 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީއަށް ހިންގައިދިން ހަރަކާތަކާއި ފްރީޑައިވް މޯލްޑިވްސްގެ އަމިއްލަ ހަރަކާތެއްގެ ގޮތުގައި 2022 ވަނަ އަހަރު ބޭއްވި "ނޭވާ 2" ހަރަކާތެވެ.