07 ޑިސެމްބަރ 2025 - 06:31

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އަންނަ އަހަރު މުޅިން އަލަށް 48 ގައުމާ އެކު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ގަޑިތަކާ އެކު ފީފާއިން މެޗު ތާވަލް ރޭ އާއްމުކޮށްފި އެވެ.

މުބާރާތް ހުޅުވާ މެޗު އޮންނާނީ 1970 ގައި ބްރެޒިލްގެ ޕެލޭ އަދި 1986 ގައި އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ތަށި އުފުލައިލި މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި މެކްސިކޯ އާއި ދެކުނު އެފްރިކާ ވާދަކުރާ މެޗުންނެވެ. އެ މެޗު އޮންނާނީ ޖޫން 11 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.

މެޗު ޝެޑިއުލް އާއްމުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު، ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ނަޒާރިއޯ އާއި އިޓަލީގެ ފްރެންޗެސްކޯ ޓޮޓީ ފަދަ ފަރާތްތައް ބައިވެރިވި އެވެ. އަދި ވޯލްޑް ކަޕް ޓްރޮފީ ސްޓޭޖަށް ގެނެސްދިނީ އާޖެންޓީނާ އަށް އެންމެ ފަހުގެ ތަށި ނަގައިދިން ކޯޗު ލިއޮނެލް ސްކަލޯނީ އެވެ.

މެޗު ކުޅޭ ސްޓޭޑިއަމް ހުންނަ ތަންތަނަށް ބަލައި، އުތުރު އެމެރިކާ ސަރަހައްދުގެ ހަތަރު ޓައިމް ޒޯނެއްގައި ކުޅޭ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން ރޭގަނޑު 9 އާއި ހެނދުނު 9 އާ ދެމެދުގެ ވަގުތުތަކުގަ އެވެ. ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އާއި ދޭއް ޖަހާއިރު އާއި ތިނެއް ޖަހާއިރު އަދި ފަތިހު 5 ޖަހާއިރު އާއި ހެނދުނު 6، 7 އަދި 8 ޖަހާއިރު ވެސް މުބާރާތުގެ މެޗުތައް ކުޅޭނެ އެވެ.
އެހެން އަހަރުތަކާ ހިލާފަށް ގިނަ ޓީމުތަކާ އެކު ކުޅޭ މި މުބާރާތުގެ ނޮކައުޓް ބުރު ފަށާނީ ގަދަ 23 ޓީމު ހިމަނައިގެންނެވެ. އޭގެ ތެރޭން ގަދަ 16 ގެ މެޗުތައް ކުޅޭނީ ރޭގަނޑު 10 އާއި ފަތިހު 5 އާ ދެމެދުގަ އެވެ. އަދި ކުއާޓާ ފައިނަލްގެ މެޗުތައް ކުޅޭނީ ރާއްޖެ ގަޑިން ދަންވަރު 12 އާއި ހެނދުހު 6 އާ ދެމެދު އެވެ.
ޖުލައި 14 އަދި 15 ވަނަ ދުވަހުގެ ރޭ ސެމީ ފައިނަލްގެ ދެ މެޗާއި ޖުލައި 19 ވަނަ ދުވަހުގެ ރޭ ފައިނަލް މެޗު ވެސް ކުޅޭނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. ނަމަވެސް ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން މެންދަމު ދޭއް ޖަހާއިރު އެވެ.
ފައިނަލް މެޗު ކުޅޭނީ މި އަހަރު އޮތް ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ޗެލްސީ އާއި ޕީއެސްޖީ ބައްދަލުކުރި އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގަ އެވެ.
ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ބްރެޒިލް، އަންނަ އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ވެސް ނުކުންނާނީ މެޓްލައިފް ސްޓޭޑިއަމްގަ އެވެ. އެ މެޗު ފަށާނީ ޖޫން 13 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން މެންދަމު ތިނެއް ޖަހާއިރެވެ. އިންގްލެންޑްގެ ފުރަތަމަ މެޗު ކްރޮއޭޝިއާއާ ދެކޮޅަށް އާލިންޓަން ޓެކްސަސްގެ އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި ކުޅޭނީ ޖޫން 17 ވަނަ ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާއިރު އެވެ.
ޖަރުމަންގެ ފުރަތަމަ މެޗުގައި، އެމެރިކާގެ ހޫސްޓަންގެ އެންއާރުޖީ ސްޓޭޑިއަމްގައި ކިއުރަސާއޯއާ ދެކޮޅަށް ނުކުންނާނީ ޖޫން 14 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 10 ޖަހާއިރު އެވެ. ސްޕެއިންގެ ފުރަތަމަ މެޗު ކުޅޭނީ ކަބޯ ވާޑޭއާ ދެކޮޅަށް އެޓްލާންޓާގެ މާސެޑީޒް ބެންޒް ސްޓޭޑިއަމްގައި ޖޫން 15 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރެވެ. ފްރާންސްގެ ފުރަތަމަ މެޗު ސެނެގާލާ ދެކޮޅަށް މެޓްލައިފް ސްޓޭޑިއަމްގައި ކުޅޭނީ ރާއްޖެ ގަޑިން ޖޫން 16 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ފުރަތަމަ މެޗު އަލްޖީރިއާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައި ވަނީ މިސޫރީގެ ކަންސަސް ސިޓީގައި ޖޫން 17 ވަނަ ދުވަހުގެ ހެނދުނު ހައެއް ޖަހާއިރު އެވެ. އަދި ހޫސްޓަންގައި ޕޯޗުގަލްގެ ފުރަތަމަ މެޗު ކުޅޭނީ ޖޫން 17 ވަނަ ދުވަހުގެ ރޭ 10 ޖަހާއިރު އެވެ. އެ މެޗުގައި ޕޯޗުގަލް ނުކުންނާނީ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް 1 އިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި ޖާގަ އަށް ވާދަކުރަނީ ޖެމެއިކާ އާއި ކޮންގޯ އަދި އޯޝޭނިއާ ސަރަހައްދުގައި އޮންނަ ފްރާންސްގެ ސޮވެރިން ސްޓޭޓް ގައުމެއް ކަމަށްވާ ނިއު ކަލެޑޯނިއާ އެވެ.
މިހާތަނަށް 42 ޓީމު މުބާރާތަށް ކޮލިފައި ވެފައި ވާއިރު، ޕްލޭއޮފްތަކުން އިތުރު ހަ ޓީމު އަދި މުބާރާތަށް ކޮލިފައި ވާނެ އެވެ.