02 އެޕްރީލް 2017 - 10:06

ލަންޑަން (އޭޕްރިލް 2) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަަނައިގައި އޮތް ޗެލްސީ ބަލިވުމަކީ މީޑިއާ އަށް ވެސް މި ވަގުތު ކުރާނެ ފައިދާއެއް ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ރޭގެ މެޗުން ކްރިސްޓަލް ޕެލަސް އަތުން 2-1 އިން އަމިއްލަ ދަނޑުގައި ޗެލްސީ ބަލިވުމުން ލީގު އެއް ވަނައިގައި އެ ޓީމުގެ ލީޑު ވަނީ ހަތް ޕޮއިންޓަށް ކުޑަވެފަ އެވެ. ކޮންޓޭ ބުނީ ޗެލްސީ ބަލިވުމުން ލީގު އެހެން ޓީމުތަކެކޭ އެއްގޮތަަށް މީޑިއާ އަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.
"މިއީ މީޑިއާ އަށް ވެސް ރަނގަޅު ނަތީޖާއެއް. އެއްވެސް ވަރަކަށް ފަސޭހަ ނުކޮށްލަން އަހަރެން އަބަދުވެސް ކުޅުންތެރިން ގާތުގައި ބުނަން. އެކަމަކު އަބަދަކު އެއްގޮތެއް ނުވާނެ. ޗެލްސީ ބަލިވާނަމަ ލީގު އިތުރަށް ފޯރިގަދަވާނެ،" ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު ސަމާލުކަންދޭންވީ ލީގުގެ މަގާމު ދިފާއުކުރުމަށް ވުރެން އެ މެޗަކަށް ކަމަށެވެ.
"ވިސްނަން ޖެހޭ ކަމަކީ މެޗަށްދޭ ސަމާލުކަމަށް ވުރެ ލީގު ޓޭބަލުގައި އޮތް މަގާމު ދިފާއުކުރަން އުޅެފިނަމަ ގެއްލުން ލިބޭނީ މުޅި ޓީމަށްކަން. އަހަރެމެން ލީގު ހޯދަން ބޭނުންނަމަ ވިސްނަން ޖެހޭނެ އެއް ކަމެއް ފަހަތުގައި އޮންނަ ޓީމެއް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރާނެކަން،" ކޮންޓޭ ބުންޏެވެ.
ޗެލްސީގެ ރޭގެ މެޗުން ބަލިވުމުގެ އެންމެ ބޮޑު ފައިދާއެއް ކުރީ ޓޮޓެންހަމް އަށެވެ. އެ ޓީމު ވަނީ 2-0 އިން ރަށުން ބޭރުގައި ބާންލީ ބަލިކޮށްފަ އެވެ. ޓޮޓެންހަމް އޮތީ 29 މެޗުން 62 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގަ އެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ޓީމުން އެންމެ ފަހު ވަގުތާ ޖެހެންދެން ލީގު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
"ވަރަށް މުހިއްމު ދަނޑިވަޅެއްގައި އަހަރެމެންނަށް ހޯދުނު ވަރަށް ބޮޑު މޮޅެއް މިއީ. މިއިން އެނގޭ ކަމަކީ ކުޅުންތެރިން ވެސް އެ ކުޅެނީ އަހަރެންގެ ވިސްނުމާ އެއްގޮތަށްކަން. ކުޅުންތެރިން ވެސް ގަބޫލުކުރޭ ޓޮޓެންހަމަށް އަދިވެސް ލީގު ހޯދިދާނެކަން،" ޕޮޗެޓީނޯ ބުންޏެވެ.
ލީގުގައި ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ޗެލްސީ ނުކުންނާނީ މެންޗެސްޓާ ސިޓިއާ ދެކޮޅަށެވެ. ޓޮޓެންހަމް ރަށުން ބޭރުގައި ކުޅޭނީ ސްވަންސީ ސިޓީއާ އެވެ.