ކެރަމް ވޯލްޑް ކަޕުން އަންހެން ޓީމަށް ދެ ވަނަ
ކެރަމް ވޯލްޑް ކަޕުން އަންހެން ޓީމަށް ދެ ވަނަ

ރާއްޖޭގައި ކުރިއަށްދާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ގައުމީ އަންހެން ޓީމު، ޓީމު އިވެންޓްގެ ފައިނަލުގައި ވާދަކޮށް ދެ ވަނަ ހޯދައިފި އެވެ.

ކެރަމް ވޯލްޑް ކަޕުން އަންހެން ޓީމަށް ދެ ވަނަ
ކެރަމް ވޯލްޑް ކަޕުން އަންހެން ޓީމަށް ދެ ވަނަ

މިއީ ކެރަމް ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު ވިދާދް، އައިޝަތު ނަހުފާ، ފާތިމަތު ރަޔާނާ، އައިޝަތު ފައިނާޒް އަދި އާމިނަތު ވިޝާމާ އެވެ.

އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަނުން އިންތިޒާމް ކޮށްގެން މާލޭގެ ބާސެލޯ ނަސަންދުރާގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލަށް އަންހެން ޓީމު ދަތުރު ކުރީ ސެމީ ފައިނަލް މެޗުގައި 2-1 ގޭމުން މޮޅުވެގެންނެވެ.

ފައިނަލްގައި ރާއްޖޭގެ އަންހެން ޓީމު އިއްޔެ އިންޑިއާ އަތުން ބަލިވީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ޑަބަލްސް މެޗުގައި މިތްރާ އާއި ކާޖަލް ކުމާރީގެ ޕެއާ އަތުން އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާ ބަލިވީ 2-1 ސެޓުންނެވެ. ސިންގަލްސް ފުރަތަމަ މެޗުގައި ހާޒިމާ މޮޅުވީ ރާއްޖޭގެ އާމިނަތު ވިދާދާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. އަދި އައިޝަތު ފައިނާޒް އަތުން ކީރްތަނާ ވެސް މޮޅުވީ ސީދާ ދެ ސެޓުންނެވެ.

ދުނިޔޭގެ އެކި ބައްރުތަކުން 17 ގައުމަކުން 150 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ގައުމީ ފިރިހެން ޓީމު ވަނީ މިއަދު ހެނދުނު، ޓީމް އިވެންޓެގެ ތިންވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.

ޓީމް އިވެންޓްގެ ތިންވަނަ ބަންގްލަދޭޝް ހޯދީ ފުރަތަމަ ކުޅުނު ޑަބަލްސް ގޭމުގައި އާދަމް އަދީލް އާއި އިސްމާއިލް އަޒްމީންގެ ޕެއާ ދެ ސެޓުން ބަލިކޮށްގެންނެވެ. ސިންގަލްސް ފުރަތަމަ ގޭމުގައި ހަސަން ނާޒިމް، ބަންގްލަދޭޝްގެ ހެމްއަތު މޮއްލާ އަތުން ސީދާ ދެ ސެޓުން މޮޅުވި ނަމަވެސް، ދެން ކުޅުނު ސިންގަލްސް ގޭމުގައި އިބްރާހިމް ހުޖާން ބަލިވީ 2-1 ސެޓުންނެވެ.

ފިރިހެން ޓީމު ވަނީ ޓީމް އިވެންޓްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފަ އެވެ. ރާއްޖޭގެ ގައުމީ ފިރިހެން ޓީމުގައި ހިމެނެނީ އާދަމް އަދީލް، އިސްމާއިލް އަޒްމީން، ހަސަން ނާޒިމް، އިބްރާހިމް ހުޖާން އަދި މުހައްމަދު މުންތަސިރެވެ.

ފިރިހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ވެސް ހޯދީ އިންޑިއާ އެވެ. އިންޑިއާ މޮޅުވީ ފައިނަލްގައި ސްރީލަންކާ ބަލިކޮށެވެ.

މިއީ ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ހޯސްޓް ކުރާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހޯސްޓް ކުރީ 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގަ އެވެ. ރާއްޖެ ވަނީ މިދިޔަ އަހަރު އެމެރިކާގައި ކުރިއަށް ދިޔަ ހަވަނަ ވޯލްޑް ކަޕްގެ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.