05 ޑިސެމްބަރ 2025 - 17:03

ވެސްޓް ހޭމް ޔުނައިޓެޑާ ފަހުވަގުތު 1-1 އިން އެއްވަރުވެ، އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގައި އޮތް ޓީމުތަކާ އެއްހަމަ ކޮށްލަން މެންޗެސްޓާ ޔުނައިޓެޑަށް ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ފުލްބެކް ޑިއޯގޯ ޑަލޯ ވަނީ 58 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް 83 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން ފަހިވި ފުރުސަތެއްގައި ވެސްޓް ހޭމަށް ނަތީޖާ އެއްވަރު ކޮށްދިނީ ސޮއުންގޮޓޯ މަގާސާ އެވެ.
އެއްވަރު ވުމުން ޔުނައިޓެޑަށް ވަނީ ހަތަރުވަނައިގައި 24 ޕޮއިންޓާ އެކު އޮތް ޗެލްސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށް، ފަސް ވަނަ އަށް ޖެހިލަން އޮތް ފުރުސަތު ނަގާލައިފަ އެވެ. ޔުނައިޓެޑް އޮތީ 14 މެޗުން ހޯދި 22 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. މި މެޗުން ހޯދި ޕޮއިންޓާ އެކު ވެސްޓް ހޭމް އޮތީ 12 ޕޮއިންޓާ އެކު 18 ވަނައިގަ އެވެ.
ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނީ ކުޅުމާ މެދު އެންމެ ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް މެޗުން މޮޅު ނުވެވުނީ ޑިފެންސުގައި ހެދުނު ހަމައެކަނި ގޯލުން ވަން ގޯލުން ކަމަށެވެ.
"ގޭމުން އޮތީ މޮޅުވާން، އަހަރެމެން އަތުގަ ކޮންޓްރޯލް ވެސް އޮތް. ސެޓް ޕީސްތަކުން އެންމެ ރަނގަޅަށް ދިފާއު ކުރަން ޖެހޭކަން އެބަ އެނގޭ. އެކަމަކު އެކަން ނުވީ. އެހެންވެ ދެ ޕޮއިންޓް ގެއްލިގެން ދިޔައީ،" އަމޯރިމް ބުންނެވެ.
"އަހަރެމެންގެ ކުޅުން މުޅިއަކުން ރަނގަޅެއް ނޫން. ފުރުސަތު ލިބުނު އެކަމަކު ދެ ހާފުގަވެސް ކޮންމެވެސް ހިސާބަކުން ކޮންޓްރޯލް ގެއްލުނީ. ދެވަނަ ހާފުގައި ހާއްސަކޮށް ގޯލަށް ފަހު ކޮންތްރޯލް ގެއްލިއްޖެ. ކޮންޓްރޯލުގައި އޮތް ގޭމަކުން މޮޅު ނުވެވުމަކީ ހަގީގަތުގައި ވެސް މާޔޫސްވާ ކަމެއް."
ޔުނައިޓެޑުން ވެސްޓް ހޭމަށް ދޫކޮށްލި އާރޮން ވަން ބިސާކާ ވަނީ މި މެޗުގައި ޔުނައިޓެޑްގެ ހަމަލާއެއް ގޯލް ރޮނގު މަތީ ހުރެ ދިފާއު ކޮށްފަ އެވެ. އަދި ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.
ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އަދި ތިން މެޗު ނިމުނީ އެއްވަރު ވެގެންނެވެ.