އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އެކަނި، ވޯޓު ހޯމަ ދުވަހު
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އެކަނި، ވޯޓު ހޯމަ ދުވަހު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ބޭފުޅަކު ހޮވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ބާއްވާ ބައްދަލުވުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.

އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) "މިހާރު" އަށް ވިދާޅުވީ ވަގުތީ ޗެއާޕާސަން ހޮވާ ބައްދަލުވުން ހޯމަ ދުވަހުގެ ރެއަށް ތާވަލުކޮށްފައި ވަނީ ގައުމީ މަޖިލީހުގެ އާ ބައްދަލުވުމެއް ނޫން ކަމަށެވެ. އެއީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ މައްސަލަ ބޮޑުވެގެން މެދުކަނޑައިލި ބައްދަލުވުން ކަމަށާއި އެ ބައްދަލުވުމުގައި ޗެއާޕާސަން ކަމަށް ކުރިމަތިލައްވައި ތާއީދު ލިބުނު ދެ ބޭފުޅުންގެ ތެރެއިން މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ގެ ނަން އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހޯމަ ދުވަހުގެ ރޭ ބާއްވަނީ އާ ޖަލްސާއެއް ނޫން. އެއީ މެދުކަނޑައިލި ޖަލްސާގެ ކޮންޓިިނުއޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާނީ. އެހެންވީމާ އާ ބޭފުޅަކަށް ކުރިމައްޗެއް ނުލެވޭނެ،" އޭނާ ވިދާޅުވި އެވެ.

އިބުރޭ ވިދާޅުވި ގޮތުގައި ވަގުތީ ޗެއާޕާސަން ކަމަށް އެހެން ބޭފުޅަކަށް ދެން ކުރިމަތިލެއްވޭނީ ޣަފޫރަށް ތާއީދު ނުލިބި، އޭނާ އެ މަގާމަށް ނުހޮވިއްޖެ ނަމަ އެވެ.

ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުން ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން ހޫނުވެ، ވަކި ހިސާބަކުން ހުއްޓާލީ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ހޮވަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ބޭއްވީ އެ މަގާމުގައި މިިދިޔަ ހަތަރު އަހަރެއްހާ ދުވަހު ހުންނެވި ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭރު ކުރިމަތިލެއްވީ ޣަފޫރު އާއެކު ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދެވެ. އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ވެސް އޮތީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، އަސްލަމަކީ ގައުމީ މަޖިލިހުގެ މެމްބަރަކަށް ނުވާތީ އޭނާ އަށް ޗެއާޕާސަންގެ މަސްއޫލިއްުޔަތު އަދާކުރެއްވިދާނެތޯ ކުރިއްސުރެ އޮތީ ސުވާލު އުފެދިފަ އެވެ.

ވަހީދުގެ ނަން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. އަސްލަމްގެ ނަން ހުށަހަޅަން އުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ ވަހީދުގެ ނަމަށެވެ. ވަގުތީ ޗެއާޕާސަން ކަމަށް ވަހީދު އައްޔަން ކުރަން ފެންނަ ކަމަށް 47 މީހަކު ވޯޓު ދިން ނަމަވެސް އެ ހިސާބުން ބޮޑު ޒުވާބަކަށް ގޮސް އަސްލަމްގެ ނަން ހުށަހަޅަން އިދިކޮޅު ފެކްޝަނުން ފުރުސަތެއް ނުދިނެވެ. އެހެންވެ، އަސްލަމްގެ ނަމަށް ވޯޓަށް ނޭހެނީސް ބައްދަލުވުމުގެ ތެރެއިން ބޮޑު ޒުވާބެއް އުފެދި ނިންމާލީ އެވެ.