04 ޑިސެމްބަރ 2025 - 19:56

ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލާ އެކު، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ހަރުވާޅުލާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ސްކޫލްތަކުން ތައްޔާރުވާން އަހަރެއް ދިނުމަށް ފަހު، ޔުނިފޯމް އެއްގޮތް ކުރަން ނިންމާފައި ވަނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ ކަމަށްވާ ނޫ ކުލައަށެވެ.
އެއާ އެކު، ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުމާއި ހުންނަން ޖެހޭނެ ގޮތުގެ އުސޫލު މިހާރު ސްކޫލުތަކަށް ވަނީ ފޮނުވާފަ އެވެ.
އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންގެ ޔުނީފޯމާ އެކު، ހަރުވާޅު ލާން ޖެހޭނެ އެވެ. ބުރުގާ އަޅާ އަދި ނާޅާ ދަރިވަރުންނަށް ވެސް ދެ އިހުތިޔާރެއް ވަނީ ދީފަ އެވެ.
އުސޫލުގައިވާ ގޮތުން އަންހެން ކުދިން ލާން ޖެހެނީ އަތް ދިގު ނުވަ އަތް ކުރުކޮށް ހުންނަ ގަމީސް ޓޮޕެވެ. ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވި އެއަށް ވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށެވެ.
ޔުނީފޯމާ އެކު ސްކާޓް ލާ ދަރިވަރުން ހަރުވާޅުލާން ޖެހޭނެ އެވެ. ސްކާޓް ހުންނަން ޖެހޭނީ ކަކުލުން ތިރިއަށް ދެ އިންޗި ހުންނަ ވަރަށެވެ. ކުރިމަތިންނާއި ފުރަގަހުން ކޮންމެ ފަރާތެއްގައި ދެ ރޫ ނަގާފައި ހުންނަން ޖެހެ އެވެ. އަދި އަރިމަތީގެ ކޮންމެ ރުލެއްގެ ފުޅާމިނުގައި ދެ އިންޗި ބަހައްޓަން ވާނެ އެވެ. އަދި މެދުގައި ހުންނަން ޖެހެނީ ބޮކްސް ޕްލީޓް ނުވަތަ ރޫނަގައިފަ އެވެ.
ފަޓުލޫނު ނުލާ އަންހެން ދަރިވަރުންނަށް ބެގީއެއް ނުކުރެވޭނެ އެވެ. ބެގީ ކުރެވޭނީ ސްކާޓްލާ ދަރިވަރުންނަށް އެކަންޏެވެ.
އެކްޓިވިޓީ ޔުނީފޯމާ އެކު، ސްކާޓްލާ ނަމަ ބޭނުންކުރާނީ ކަޅު ކުލައިގެ ތިން އިންޗީގެ ފުޅާ މިނުގައި އާދައިގެ ރޫ ނަގާފައި ހުންނަ ސްކާޓެކެވެ. ކަކުލާ ހަމައަށް ހުންނަން ޖެހޭ އެ ސްކާޓުގައި އެއްވެސް ލޯގޯއެއް އެއްޗެއް ބޭނުމެއް ނުކުރެވޭނެ ކަމަށާއި ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ފިޔަވާ ހުރިހާ އަންހެން ކުދިން ސްކާޓް ލާނަމަ ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސަރުކާރު ސްކޫލްތަކަށް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނީ ޔުނީފޯމަށް ބަދަލު ގެންނަން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.