04 ޑިސެމްބަރ 2025 - 17:14

މާޗް 28 ގައި ބާއްވަން ކުރިން ނިންމާފައި އޮތް ލޯކަލް ކައުންސިލް ބާއްވާނީ އޭޕްރިލް 4 ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް އީސީން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިރު ކުރިން ވިދާޅުވެފައި އޮތީ އެ އިންތިހާބު މާޗް 28 ގައި ބާއްވާނެކަމަށެވެ.
އެހެން ނަމަވެސް އެ އިންތިހާބު އޭޕްރިލް 4 ގައި ބާއްވާނެކަން މިއަދު އިއުލާނުކުރި އިރު، ލަސްކުރި ސަބަބެއް އީސީ އިން ނުބުނެ އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި މި އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދަން އީސީން މިހާރުވަނީ އިއުލާނުކޮށްފައެވެ. އަދި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އީސީން ވަނީ އިއުލާނުކޮށްފައެވެ.
މި އިންތިހާބަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އީސީގެ ރައީސް ޒާހިދު ކުރިން ވިދާޅުވި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒާހިދު އޭރު ވިދާޅުވީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ "ވަރަށް އަގުބޮޑު އިންތިހާބުތަކެެއް" ކަމަށެވެ. އަދި ކުރިމަގުގައި އިންތިހާބުތަކަށް ހިނގާ ހަރަދު ކުޑަކުރަން ވިސްނުންތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...އަޅުގަނޑުމެން މިއަށް ވެސް [ކައުންސިލް އިންތިހާބަށް] މި ބަލަނީ އެންމެ މަދުވެގެން ވެސް ގާތްގަނޑަކަށް، 70 ވަރަކަށް، 80 ވަރަކަށް މިލިޔަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށް،" ޒާހިދު އޭރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންތިހާބުތަކަށް އެހާ ބޮޑު ހަރަދެއް ހިނގަނީ އިތުބާުރު ކުރެވޭ އިންތިހާބުތަަކަށް ހެދުމަށްޓަކައި ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާތީ ކަމަށެވެ.