04 ޑިސެމްބަރ 2025 - 13:47

މާލޭގެ މަގުމަތީގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ޒިބްރާ ކްރޮސްގައި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ޕާކު ކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން މާލޭގައި މިއަދު ކުރަމުން އަންނަ ކަމަށެވެ.

އެފަދަ އުޅަނދުތައް ޓޯ ކޮށް ފުލުހުން ކަނޑައަޅާ ތަންތަނަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ހާއްސަ ކޮށްފައިވާ ޒޯންތަކުގައި ޕާކްކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެގޮތަށް ގެންދާ އުޅަނދުތައް ގެންދިއުމުގަ އާއި އެ އުޅަނދެއް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށް ވެސް ބުންޏެވެ. އަދި ޓޯ ކުރާ އުޅަނދުތައް ޓޯ ކުރުމަށް ފަހު، ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯކުރަން ފަށައިފަ އެވެ.
މާލެ ސަރަހައްދުގައި ނުގަވައިދުން ޕާކު ކުރާ މައްސަލަ ބޮޑުވެ ފުލުހުން ދޭތެރެއިން އުޅަނދުތައް ޓޯކުރެ އެވެ.
އެއްގަމު އުޅަނދު ޕާކްކުރުމުގެ 14 ވަނަ މާއްދާގެ ށ. ގައި ބުނީ ގަވައިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، އެ ގަވާއިދާ ހިލާފުވާ މީހުން 750ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.