15 ޖޫން 2016 - 13:22

ޕެރިސް، ފްރާންސް (ޖޫން 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ އައިސްލެންޑާ 1-1 އިން ޕޯޗުގަލް އެއްވަރުވި މެޗުގައި އައިސްލެންޑުގެ ކުޅުންތެރިން މާބޮޑަށް ޑިފެންސްކުރުމުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރުޅިގަދަވެއްޖެ އެވެ.
ރޭގެ މެޗުގައި އައިސްލެންޑުން އެންމެ ދެ ހަމަލާ އުފެއްދި އިރު އޭގެ ތެރެއިން އެއް ހަމަލާ ގޯލަކަށް ބަދަލުކޮށް ދެން ފެނުނީ މުޅި މެޗުގައި ޑިފެންސްކުރިތަނެވެ.
"އައިސްލެންޑުން 90 މިނެޓުގެ ތެރޭގައި ދެ ހަމަލާ އުފައްދައި ގޯލެއް ޖެހި. އެ ނޫނީ އެ މީހުން ކުރިހާ ވެސް ކަމަކީ ފަހަތަށް ޖެހިގެން ޑިފެންސްކުރުން. ގޯލް ބުޑުގައި ބަހެއް ޕާކްކޮށްގެން އެގޮތަށް ކުޅުނީމާ ވަރަށް އުނދަގޫ. އަހަރެމެން ކުޅެން ކިތަންމެ ބޭނުންވިޔަސް އައިސްލެންޑުން އެގޮތަށް ކުޅެން އުޅުމުން ހިތްހަމަނުޖެހިފައި މިތިބީ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ އައިސްލެންޑަށް މެޗުން ޕޮއިންޓެއް ލިބުނީ ނަސީބު ވެސް ރަނގަޅުވުމުން ކަމަށާއި މެޗުން އޭނާގެ ޓީމަށް ތިން ޕޮއިންޓް ހައްގުކަމަށެވެ.
"އަނެއްކާ މެޗަށް ފަހު އައިސްލެންޑުން އުފާފާޅުކުރި ގޮތުން ހީވީ ޔޫރޯ ކާމިޔާބުކުރެވުނީހެން،" ރޮނާލްޑޯ ބުންޏެވެ. "މުޅި މެޗުގައި ޑިފެންސްކުރުމުން ދައްކައިދެނީ އައިސްލެންޑުގެ ވިސްނުން ކުޑަކަން. އެ ޓީމުގެ މާބޮޑު އަމާޒެއް ނެތް. ކުޅޭކަށް ނޫޅޭ އެ ޓީމުން."
އެކަމަކު ރޮނާލްޑޯ ބުނީ ދެން ހުރި މެޗުތައް ކާމިޔާބުކޮށް އަނެއް ބުރަށް ދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި ފްރާންސާއި ސްޕެއިން ފަދަ ޓީމުތަކަށް ވެސް ފުރަތަމަ މެޗުން މޮޅުވެވުނީ އުނދަގުލުން ކަމަށެވެ.