ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހުލޫފު އައްޔަންކުރައްވައިފި
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހުލޫފު އައްޔަންކުރައްވައިފި

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު އައްޔަންކުރައްވައިފި އެވެ.

ޖަޕާނުގައި ހުންނަވާ ސަފީރަކަށް މަހުލޫފު އައްޔަންކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު އެ މަގާމުގެ ފަތްކޮޅު އޭނާއަށް ދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފު އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ގަ އެވެ. އެ ހުށަހެޅުއްވުން މަޖިލީހުގެ ހާރިޖީ ކޮމިޓީން ދިރާސާކޮށް، އޭނާއަށް ރުހުން ދޭން ނިންމައި އެކުލަވައިލި ރިޕޯޓް މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ފާސްކޮށް، މަހުލޫފަށް ރުހުން ދޭން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން މަހުލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެމްބަރެއްގެ ގޮތުގައި އޭނާ ފުރަތަމަ އިންތިހާބުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އޭގެ ފަހުން 18 ވަނަ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ.

ވެރިކަންކުރާ ޕީއެންސީ އަށް މަހުލޫފް ސޮއިކުރެއްވީ މިދިޔަ މަހުގެ 14 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ.

ޖަޕާންގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު މި އަހަރުގެ ޖުލައި 28 ގައި އަވަހާރަވުމާ ގުޅިގެންނެވެ.