02 އެޕްރީލް 2017 - 09:03

މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަން ފެށުނީއްސުރެ، ވަރުގަދަ ހުށަހެޅުންތަކެއް ހުށަހަޅައިދީ، އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރި ލަވަ ކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) އަށް މުބާރާތުގެ ގަދަ ނުވައަކާ ހަމައިން އައިޑޮލްގެ ސްޓޭޖް ރޭ ދޫކޮށްލަން ޖެހިއްޖެ އެވެ.

މާލެ އަށް ނިސްބަތްވާ 25 އަހަރުގެ ޒަކިއްޓެއަކީ، މިދިޔަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑޮލް ސީޒަން 1 އިން ވިދާލި އިބްރާހީމް އަމާންގެ ބޭބެ އެވެ.

ޒަކިއްޓެއަކީ މި ފަހަރުގެ އައިޑޮލް އިން ބެލުންތެރިން އެންމެ ބޮޑަށް އުފާކޮށްދީ، ހެއްވާލަ ދިން، އެންމެ މަޖާ އެއް ބައިވެރިޔާ އެވެ. އެހެންވެ ކުރިއަށް ހުރި ޝޯތަކުން އޭނާ ނެތުމުގެ ފަޅުކަން ބެލުންތެރިންނަށް ޔަގީނުން ވެސް އިހުސާސް ކުރެވޭނެ އެވެ.

ރޭ އިރުފާން ބޮޓަމް ތުރީ އަށް ވެސް ވެއްޓި، އައިޑޮލް ދަތުރު ނިންމައިލަން ޖެހުނު އިރު، ކޮއްކޮ އަމާން ވަނީ އޭނާގެ ފުރަތަމަ ފިލްމް ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ ބުދަ ދުވަހުގެ ރޭ ޕްރިމިއާ ކުރާ ފިލްމް "މީ ލޯތްބަކީ" ގެ ލަވައެއް އައިޑޮލް ސްޓޭޖްގައި ހުށަހަޅައި ދީފަ އެވެ.
"އޭ މަންޖޭ" ލަވަ އަމާން ހުށަހަޅައި ދިނީ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ލަވަ ކިޔުންތެރިޔާ ފުބޫއާ އެކުގަ އެވެ.
ޒަކިއްޓެއާ އެކު ރޭ، ޖަޖުންނާއި ބެލުންތެރިންގެ ވޯޓް އެންމެ ދަށްކޮށް ލިބިގެން ބޮޓަމް ތުރީ އަށް ދިޔައީ އިބްރާހީމް ވަހީދު (ބޮޑުބެ) އާއި އަލަށް ބޮޓަމް ތުރީ ތަޖުރިބާ ކުރަން ޖެހުނު ހަމޫދު އަހުމަދެވެ.
ޒަކިއްޓެ ރޭ މުބާރާތާ ވަކިވެގެން ދިޔަ އިރު، މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ އަށެއް މިހާރު ވަނީ ކަށަވަރުވެފަ އެވެ.
1. މުހައްމަދު ތަސްނީމް (ބޮބް) 2. އިބްރާހީމް ވަހީދު (ބޮޑުބެ) 3. ޝަމްވީލް މުހައްމަދު (ބޮރޯ) 4. ހަމޫދު އަހުމަދު (އަލްވިން) 5. އަހުމަދު ނަބީލް މުހައްމަދު 6. އަބްދުﷲ ހިޝާން 7. އަހުމަދު ފަރަޝް 8. އައިޝަތު ޖައިޝާ ވަހީދު (ޖައި)
މޯލްޑިވިއަން އައިޑޮލްގެ ރޭގެ ޝޯ ހާއްސަކުރީ ފިލްމީ ލަވަތަކަށެވެ. އަދި ހާއްސަ ޖަޖެއްގެ ގޮތުގައި ރޭ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ވެސް ޝޯގައި ބައިވެރިވި އެވެ.
ބައިވެރިން ރޭ ވަނީ ގްރޫޕްކޮށާއި ޑުއެޓްގެ ގޮތުގައި ފިލްމްތަކުން ފާހަގަކޮށްލެވުނު ބައެއް ލަވަތައް ހުށަހަޅައި ދީފަ އެވެ. އޭގެ ތެރޭގައި ދެރިޔާ، ހިތް ރޮއްވާނުލާ، އެންމެ ފަހު ވިންދާ ޖެހެންދެން ފަދަ ފިލްމުތަކުގެ ލަވަތައް ހިމެނެ އެވެ.
މޫސާ ވަސީމާއި ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފް ހޯސްޓް ކުރާ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ޖަޖުންނަކީ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ)، މަރިޔަމް އުނޫޝާ (ކިޑީ) އަދި އިސްމާއީލް އައްފާނެވެ.