04 ޑިސެމްބަރ 2025 - 10:56

އެފްއޭއެމް އަންހެން ފުޓްބޯޅަ މުބާރާތުގައި ބިސް ބުރު ސްޕޯޓްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި މާޒިޔާއިން މޮޅަކުން މުބާރާތް ފަށައިފި އެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ލަނޑުތައް ޖެހީ ގައުމީ ޓީމުގެ ފޯވާޑް ޝަހްފާ ޝިއުތު އާއި ނިހާމާ އެވެ.
އެ ޓީމަށް ލީޑް ނަގައިދިން ލަނޑު ޝަހްފާ ޖެހީ މެޗުގެ 58 ވަނަ މިނެޓްގަ އެވެ.
ބިސް ބުރުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުމުން މާޒިޔާ އަށް ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ ޝަހްފާ އެވެ. ބިސްބުރުގެ ކީޕަރު ހައްވާ ޝުހުފައިހާ ހަރަކާތް ކުރީ ވެސް ރަނގަޅު ފަޅިއަށެވެ. އެކަމަކު އޭނާގެ ބޯމަތިން ގޮސް ބޯޅަ ވަނީ ގޯލްގެ މަތީ ކަނަށެވެ.
މާޒިޔަގެ ދެވަނަ ލަނޑު ނިހާމާ ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ނިހާމާ ވަނީ ބިސްބުރުގެ ޑިފެންޑަރު ކަޓުވާލުމަށް ފަހު އެވެ. އަދި ނިހާމާ އަތުން ބޯޅަ ހޯދަން ބިސްބުރުގެ ކުޅުންތެރިޔަކު ވެސް ވިއްދާފައި ހުއްޓެވެ. ކީޕަރު ޝުހުފައިހާ ބޯޅަ އަށް ކުރިމަތިލައިގެން ހުއްޓައި އޭނާގެ އަތް ދަށުން ގޮސް ބޯޅަ ތިރިތިރިން ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.
މެޗުން މޮޅުވެ، މާޒިޔާ ވަނީ ހަ ޓީމު ހިމެނޭ ލީގުގެ ދެވަނަ އަށް ޖެހިލައިފަ އެވެ. އެއްވަނައިގައި އޮތީ ވިކްޓަރީ އެވެ. ދެ ޓީމަށް ވެސް ތިން ޕޮއިންޓެވެ. އެކަމަކު ވިކްޓަރީ އަށް ކުރި ލިބެނީ ފައިދާ ހަ ލަނޑު އެ ޓީމަށް އޮތުމުންނެވެ.