03 ޑިސެމްބަރ 2025 - 09:32

ރައްޔިތުންނަށް ނަތީޖާ ނުދެއްކޭ ފުލުހުންނަށް އަބަދު ފުލުހުންގެ ވަޒީފާގައި ނުތިބެވޭނެ ކަމަަށާއި އެ ފަދަ މީހުން ޖެހޭނީ ނަތީޖާ ދައްކަން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ނުވަތަ ރަނގަޅު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް އިއްޔެ ފެށި "ލޯކަލް ޕޮލިސިން ކޮންފަރެންސް" ގެ ތެރެއިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރައްޔިތުން އުންމީދު ކުރަނީ ނަތީޖާ ކަމަށާއި އެހެންވެ ބޭނުންވަނީ އެ ނަތީޖާ ކަމަށެވެ.

އޭނާ ވިދާޅުވީ، ނަތީޖާ ނުދެއްކޭ ނަމަ ފުލުހުންގެ ހިދުމަތުގައި އަބަދުމެ ނުތިބެވޭނެ ކަން ފުލުހުންނަށް ވާނީ އަންގައިފަ އެވެ.

"ރީޓްރެއިން ވާން ނަސޭހަތް ދީ، ފުރުސަތު ދީފައި، އެކަމަކު މިތާނގެ ތެރޭގައި އަބަދުމެ ނޮންޕާފޯމް މީހެއްގެ ގޮތުގައި ނުއެއް ހުރެވޭނެ. ރައްުޔިތުން އެބަ އެކްސްޕެކްޓް ކުރޭ ނަތީޖާ. އެ ނަތީޖާ އަޅުގަނޑުމެން ދައްކަން ބޭނުންވަނީ. މިއަދުގެ ނިޔަކަށް ކުރިއަށް ގެންދާ ކޮންފަރެންސާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ނަތީޖާ ދެއްކުމަށް އިހުސާން ބައެއް ކަންކަން ފާހަގަކުރެއްވި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ތަހުގީގުތައް އަވަސް ކުރުމާއި މަގުމަތިން ގިނައިން ފުލުހުން ފެނުމާއި މިހާރަށް ވުރެ ބޮޑަށް ޖަވާބުދާރީވުން ރަނގަޅު ކުރުމާއި ފުލުހުންގެ ފަރާތުން ލިބޭ ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސްވާ މިންވަރު ބޮޑުވުމާއި ފުލުހުން ހިންގާ އޮޕަރޭޝަންތައް ގިނަކޮށް އިދާރީ ކަންކަން މަދުކުރުމެވެ.
"މިއީ ފުލުހުންގެ ފަރާތުން އަޅުގަނޑުމެންނަށް ފެންނާނެ ގިނަ ކަންކަމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފުލުހުންގެ ކަންކަން ހަރުދަނާ ކުރުން ތަންފީޒު ކުރޭތޯ ބަލާނެ ގޮތްތަކެއް ވެސް ކޮންފަރެެންސްގެ ތެރެއިން ކަނޑައަޅާނެ އެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ މި ކޮންފަރެންސްގައި މުޅިން ވެސް ބައިވެރި ކޮށްފައި ވަނީ ތަހުގީގުކުރާ ފުލުހުންނާއި ކޮމާންޑަރުންނެވެ. އެ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެ ދާއިރާތަކުގެ 170 ފުލުހަކު ކޮންފަރެންސްގައި ބައިވެރިވެ އެވެ.
ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވުމުގެ ބައްދަލުވުމެއް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބާއްވާފައި ވެ އެވެ. އެ ބައްދަލުވުމުގައި ވެސް މިނިސްޓަރު އިހުސާން ވަނީ ފުލުހުންގެ ތެރޭގައި ހުރި ގިނަ މައްސަލަތައް ވަރަށް ހާމަކަންބޮޑު ގޮތެއްގައި ފުލުހުންނަށް ވިދާޅުވެ ދެއްވައިފަ އެވެ.
އިހުސާންގެ ބަހުން ނަމަ ފުލުހުންގެ ހިދުމަތް "ހާޑް ރީސެޓަކަށް" ދާންޖެހެ އެވެ.
ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ފުލުހުންގެ މުޅި ސިސްޓަމް ފެއިލް ވެފައިވާ ކަމަށާއި ފުލުހުންނަށް އޮތް އިތުބާރު ބާރު ސްޕީޑުގައި ގެއްލެމުންދާ ކަމަށެވެ.
ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނަށް ބިލިއަނުން ހަރަދު ކުރާއިރު އަދި ތައުލީމީ މީހުން ގިނަ އަދަދަކަށް ތިބެމެ ވަރަށް ފާޅުގައި އަން-ޕްރޮފެޝަނަލް ކަންކަން ފުލުހުންގެ ތެރޭގައި ހިނގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓަރުގެ ޒިންމާގެ ދަށުގައި ހުރި އިދާރާތަކުގެ ތެރެއިން އެންމެ ފަހަތުގައި އޮތް މުއައްސަސާއަކީ ފުލުހުން ކަމަށް ވެސް ވަރަށް ތިލަކޮށް، ސާފުކޮށް އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރުވީ އިރު، މިއީ ލިބިފައިވާ ވަގުތުގެ 40 ޕަސެންޓު ކަމަށާއި އެ މުއްދަތު ހޭދަވި އިރު 2.8 ބިލިއަންގެ ބަޖެޓަކާ އެކު ފުލުހުންނަށް ޒިންމާތައް އަދާނުކުރެވުނު ކަމަށެވެ. އެ ހޭދައަކީ 2002 ވަނަ އަހަރުގެ މުޅި ގައުމުގެ އާމްދަނީއާ އެއްވަރުގެ އަދަދެއް ކަމަށް ވެސް އިހުސާން ކަންބޮޑުވުމާ އެކު ވިދާޅުވެފައި ވެ އެވެ.