02 ޑިސެމްބަރ 2025 - 23:46

ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ހަދަން ލާޒިމް ކޮށްފައިވާ މުއްދަތު ދެ އަހަރު ދުވަހަށް އިތުރު ކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރި ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ކުރިއަށް އޮތް 24 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ފާސްކޮށް ގެޒެޓް ކުރަން ޖެހެ އެވެ.
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވައިލުމަށް ފަހު، ތަންފީޒު ކުރަންޖެހޭ ކަންކަމާއި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފީސިބިލިޓީ ހެދުމުގެ މާއްދާ އަށް އެ މުއްދަތުގެ ތެރޭގައި އަމަލުކުރުން ލާޒިމް ނޫން ކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
މި ސަރުކާރުން ހުށަހަޅައި، މިދިޔަ އަހަރު ފާސްކުރި ގާނޫނުގައިވާ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ދުވަހުގެ ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރު އެކުލަވާލައްވައި، ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ޖެހެ އެވެ.
އޭގެ ބޭނުމަކީ ކޮންމެ ފަސް އަހަރުގެ ދައުރެއްގެ ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ޕޮލިސީއަކަށް ހެދުމެވެ.
ނަމަވެސް މަޖިލިހުން ގާނޫނުގެ ދަށުން އެކުލައިލަންޖެހޭ ފުރަތަމަ ޗާޓަރު ހަދަންޖެހޭ މުއްދަތު، ކުރިން އޮތް ހަ މަސް ދުވަހުގެ ބަދަލުގައި 24 މަސް ދުވަހަށް މިހާރު އިތުރުވީ އެވެ. އަދި ފިސްކަލް ޒިންމާގެ ގާނޫނުގައި ރިޔާސީ ދައުރެއް ހިންގަން ފަށާ މުއްދަތަކީ 18 މަސް ދުވަސް ކަމަށް ކަނޑައަޅާފައިވާ މާއްދާ ވެސް ވަނީ އުނިކޮށްފަ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި، ސަރުކާރުން ހުށަހަޅައި، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވުޖޫދުކުރީ، ސަރުކާރުން އިތުރަށް ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތައް ހަރުދަނާ ކުރުމަށް ކަމަށް ބުނެ އެވެ.
ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ.