ފުވައްމުލަކުގެ ސަޕްލައި ފެނަށް މައްސަލަ ދިމާވުމުން މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި
ފުވައްމުލަކުގެ ސަޕްލައި ފެނަށް މައްސަލަ ދިމާވުމުން މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި

ފުވައްމުލަކުގެ ސަޕްލައި ފެނަށް މައްސަލަ ދިމާވުމުން މިދިޔަ މަހަށް ބިލު ނުކުރާ ގޮތަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ނިންމައިފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، ރަނގަޅު ފެންވަރެއްގައި އެ ހިދުމަތް އަލުން ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.

ފުވައްމުލަކުގެ ފެނުގެ ނެޓްވޯކުގެ މަސައްކަތްތައް މިދިޔަ މަހު ކުރަމުން ދިޔައިރު، ފެން ކެނޑުމާއި ފެނުގެ ޕްރެޝަރު ދަށްވުން ކަހަލަ ކަންކަން ހިނގާފައިވާ ކަމަށާއި ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ވީމާ، މި ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކާ، ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލު ނުކުރާ ގޮތަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.

ފުވައްމުލަކުގެ ސަޕްލައި ފެނުގެ ނެޓްވޯކަށް މައްސަލަ ދިމާވެ، ފެން ތަޣައްޔަރުވުމާ ގުޅިގެން އެ ރަށުން ފެނުގެ ހިދުމަތް ހަތަރު ދުވަހަށް މެދުކަނޑާލަން މިދިޔަ މަހު ޖެހުނެވެ. އެ މައްސަލަ ހައްލުކޮށް ފެން އަލުން ދޫކުރަން ފެށިއިރު، ފެނުގެ ކުލަ ހަޑިކޮށް ހުރުމާ އެކު، މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ފެނުގެ ކޮލިޓީ ބެލުމަށް ޓެސްޓުތައް ހަދައިފަ އެވެ.

އެ ޓެސްޓުތަކުގެ ނަތީޖާ ދައްކާ ގޮތުގައި އެއީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ، ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭ އިން އޭރު ބުންޏެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، ފެނުގެ މައްސަލައަށް ހައްލު ހޯދަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް އެކި ފަހަރު މަތިން ހުށަހެޅި އެވެ. ނަމަވެސް، އެ މައްސަލަތަކަށް ހައްލެއް ނުލިބި، މިދިޔަ މަހުގެ މެދު ތެރެއިން ފެށިގެން ފެނުގެ ހިދުމަތް މެދުކެނޑެން ފެށުމާއި ފެން ތަޣައްޔަރުވެފައިވާ ކަމުގެ ޝަކުވާ އިތުރުވުމުން، ކައުންސިލުން ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅައި ފެން ޓެސްޓުކުރި އެވެ.

ފެން ތަޣައްޔަރުވެފައިވާކަން އެނގި ފެނުގެ ހިދުމަތް މެދުކަނޑާލަން ޖެހުނީ ސިޓީ ކައުންސިލުން ހެދި އެ ޓެސްޓުތަކުން އެކަން ކަށަވަރުވުމުންނެވެ.