02 ޑިސެމްބަރ 2025 - 11:00

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރައްވައިފި އެވެ.
އެއް އަހަރާއި ހަފުތާއެއްގެ މުއްދަތަށް ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހޭދަކުރެއްވުމަށް ފަހު، ނަސްރީން އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހެވެ.
އެނގިފައިވާ ގޮތުގައި، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ނަސްރީން ހަމަޖެއްސެވުމުން، އިއްޔެ މަސައްކަތަށް ވަނީ ނުކުމެވަޑައިގެންފަ އެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަން ކުރެއްވީ ޑިސެމްބަރު 23، 2024 ގަ އެވެ.
މީގެ 15 އަހަރު ކުރިން ދައުލަތުގެ މީޑީއާއާ ގުޅިވަޑައިގެންނެވި ނަސްރީން ވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ޑިސެމްބަރު 23، 2024 ގައި އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރަކަށެވެ.
އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅަކު މި ވަގުތު އެބަތިއްބެވެ. އެއީ، އަލީ އާމިރާއި ފާތުމަތު ޒިޔާދާ އާއި މުހައްމަދު އަސީލް އަދި އިބްރާހިމް އަލީ އެވެ.
ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އަކީ 20،500ރ. އެވެ. އޭގެ އިތުރުން، 15،500ރ.ގެ އެލަވަންސާއެކު، ޑެޕިއުޓީ މިނިސްޓަރަކަށް މަހެއްގެ މައްޗަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ.