02 ޑިސެމްބަރ 2025 - 10:28

ތިން ތަނުން ފަށްޖެހޭ ގޮތަށް ހަދާފައިވާ "ސްޕެޝަލް އެޑިޝަން" ފޯނެއް ސެމްސަންގުން މިއަދު ބާޒާރަށް ނެރެފި އެވެ.

"ގެލެކްސީ ޒެޑް ޓްރައިފޯލްޑް" މި މަހުގެ 12 އިން ފެށިގެން ވިއްކަން ފަށާ ގޮތަށް ނިންމާފައި ވާއިރު މިއީ އާންމު ކަސްޓަމަރުންގެ އަތްފޯރާ ވަރުގެ އުފެއްދުމެއް ނޫނެވެ. އެންމެ ފަހުން އެޕަލް އިން ނެރުނު އައިފޯން 17 ގެ އަގަށް ވުރެ ސެމްސަންގު ފޯނުގެ އަގު ދެ ގުނަ ބޮޑެވެ. އެއީ 2،443 ޑޮލަރެވެ.

ވަރަށް ތުނިކޮށް ހަދާފައިވާ މި ފޯނު އެއްކޮށް ހުޅުވާލުމުން 10 އިންޗި (25.4 ސެންޓިމީޓަރު) ގެ ޑިސްޕްލޭއެއް ގޮތަށް ބޭނުންކުރެވެ އެވެ. އެހެންވެ މިއީ އެކި މަސައްކަތްތަކުގައި ބޭނުންކުރެވޭނެ މުހިންމު އާލާތެއް ކަމަށް ސެމްސަންގުން ބުންޏެވެ.

ދެކުނު ކޮރެއާގެ ސެމްސަންގަކީ ތިން ތަނުން ފަށްޖެހޭ ފޯނެއް ފުރަތަމަ ހެދި ކުންފުންޏެއް ނޫނެވެ. ޗައިނާގެ ވާވޭ އިން މިދިޔަ އަހަރު ވަނީ ހަމަ މި ގޮތަށް ފޯނެއް އުފައްދައި ބާޒާރަށް ނެރެފަ އެވެ.
ސްމާޓްފޯން މާކެޓް ފުޅާނުވެ ހިފެހެއްޓިފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ފޯނު ކުންފުނިތަކުން މިހާރު އިސްކަންދެނީ ފޯނުތަކަށް މުޅިން އާ ފީޗާތަކާއި ސިފަތައް ގެނައުމަށެވެ.
ސެމްސަންގުން މިއަދު ނެރުނު ފޯނުގެ ހުންނަނީ ހަމައެކަނި ކަޅު ކުލަ އެވެ. ބަރުދަނުގައި 309 ގްރާމް ހުންނައިރު ފޯނުގެ އެންމެ ތުނި ދިމާލުގެ ބޯމިން 0.2 އިންޗިއަށް ވުރެ ވެސް ތުންޏެވެ.
ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް ހިމަނާފައިވާ މި ފޯނަކީ ސްކްރީނާއި ކެމެރާ ރިއަލްޓައިމްގައި ޝެއާކުރެވޭ އުފެއްދުމެކެވެ. އެކަމަކު ސެމްސަންގުން ބުނީ މި ފޯނަކީ އާންމުކޮށް ހުރިހާ އެންމެންނަށް ވިއްކަން އުފެއްދި އެއްޗެއް ނޫން ކަމަށެވެ.
ސެމްސަންގް އިލެކްޓްރޯނިކްސްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އެލެކްސް ލިމް ވިދާޅުވީ މިއީ "ސްޕެޝަލް އެޑިޝަން" ޕްރޮޑަކްޓެއް ކަމަށެވެ.
މި ފޯނު ނެރެފައި މި ވަނީ 2029 ވަނަ އަހަރު އަންނައިރު، ސްމާޓްފޯން ވިޔަފާރީގެ އެންމެ ބޮޑު ކުންފުނީގެ މަގާމު 14 އަހަރަށް ފަހު ސެމްސަންގަށް ގެއްލި އެޕަލް އަށް ލިބޭނެ ކަމަށް އިންޑަސްޓްރީގެ ހިސާބުތަކުން ދައްކާފައި ވަނިކޮށެވެ.
އެމެރިކާގެ އެޕަލް ކުންފުނީގެ ސްމާޓްފޯން ޝިޕްމަންޓްތައް މި އަހަރު މުޅި ދުނިޔޭގެ ފޯނު ޝިޕްމަންޓްތަކުގެ 19.4 ޕަސެންޓް ހިއްސާކުރާނެ ކަމަށް ލަފާކޮށްފައި ވާއިރު ސެމްސަންގަށް ލިބޭނީ އޭގެ 18.7 ޕަސެންޓް ކަމަށް ވަނީ ބެލެވިފަ އެވެ. -- އޭއެފްޕީ