02 އެޕްރީލް 2017 - 06:36

ރިސޯޓެއްގެ ވެރިއަކު އޭނާގެ ބޯޓެއްގައި އެކުވެރިއެއްގެ އުފަން ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ބަޔަކު ގޮވައިގެން ދަތުރުކުރަނިކޮށް ބޯޓު ބަންޑުން ޖަހާލުމުގެ ސަބަބުން އޭގައި ތިބި މީހުންގެ ތެރެއިން ފަސް މީހަކު މަރުވެއްޖެ އެވެ.
އިންޑިއާގެ ދާދްރާއިން ނަގަރް ހަވޭލީ ކިހާ ހިސާބަކަށް ދަތުރުކުރި މި ބޯޓުގައި ތިބީ ރިސޯޓުގެ ވެރިމީހާގެ ދައުވަތަކަށް، އޭނާ ގާތް އެކުވެރިއަކަށް ސަޕްރައިޒް ޕާޓީއެއް ދޭން ގޮސް ތިބި ބައެކެވެ.
ފުލުހުން ވަނީ މި ހާދިސާއަށް ފަހު ރިސޯޓުގެ ވެރިމީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ. ނިރްމަލް ޖެއިން ކިޔާ މި މީހާ ގެ މި ބޯޓަކީ އޭނާ އެހެން މީހެއްގެ އަތުން ގަނެ މަރާމާތުކުރުމަށް ފަހު އަލަށް ދަތުރުފެށި ބޯޓެކެވެ. މި ބޯޓު ފުރެންދެން ނިރްމަލްގެ އެކުވެރިން ތިބިއިރު އޭގައި އޭނާ ސަޕްރައިސް ދޭން ބޭނުންވާ އެކުވެރިޔާ ވެސް އިނެވެ.
މި ޕާޓީއަށް ދައުވަތު ދިން ނިރްމަލްގެ ހުރިހާ އެކުވެރިން ކަންޑްވެލް ނަމަކަށް ކިޔާ ރިސޯޓަށް ދިއުމަށްޓަކައި އެރީ ނިރްމަލް ހަމަޖައްސާފައި އޮތް ބޯޓަށެވެ. ނަމަވެސް ބޯޓު ކޯރު ތެރޭގައި ދަތުރުފަށައިގެން ކުޑަ ތަންކޮޅަކަށް ދެވުނުތަނާ ކުއްލިއަކަށް ބަންޑުން ޖަހާލީ އެވެ. އެވަގުތު އެ ބޯޓުގައި ރިސޯޓުގެ ވެރި މީހާ ނިރްމަލް ވެސް ހުއްޓެވެ. ނަމަވެސް އޭނާ ފަތާފައި އެއްގަމަށް އަރައިގެން ސަލާމަތްވީ އެވެ.
ބޯޓުން ސަލާމަތްވި ބައެއް މީހުން މުމްބައި މިރާއަށް ކިޔައިދީފައިވާ ގޮތުގައި 25 މީހުންގެ ޖާގައިގެ މި ބޯޓުގައި 30 އަށް ވުރެ ގިނަ މީހުން ތިއްބެވެ. މީހުން ބޯޓަށް އަރަން ފެށުމާ އެކު ބޯޓު އަރި އަޅާލި ކަމަށާއި އެ މީހުން ބޯޓަށް އެރީ އެއްވެސް ކަމެއް ނުވާނެ ކަމަށް ބުނުމުން ކަމަށް އެ މީހުން ކިޔައިދީފައިވެ އެވެ.
ގިނަ ބަޔަކު ސަލާމަތް ކުރެވުނު ނަމަވެސް ބޯޓުގައި ތިބި ފަސް މީހަކު ވަނީ މަރުވެފަ އެވެ.
އެކުވެރިޔާގެ އުފަން ދުވަސް ފާހަގަކުރަން ދިޔަ މީހުންނަށް ފަހުން ޖެހުނީ އެމީހުންގެ ފަސް އެކުވެރިއެއްގެ ޖަނާޒާ ބާއްވާށެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ ބޯޓު ރަނގަޅަށް މަރާމާތު ނުކޮށް އޮތުމުންނާއި މާގިނަ މީހުން އެރުވުމުން ކަމަށެވެ.