02 ޑިސެމްބަރ 2025 - 07:46

އެފްއޭއެމުން އިއްޔެ ފެށި އަންހެން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް 100،000ރ ގެ ފައިސާގެ އެހީތެރިކަމެއް ދިނުމަށް ނިންމައިފި އެވެ.
އެފްއޭއެމުން ބުނީ އެ ފައިސާ ފޯރުކޮށްދެނީ ފީފާގެ އެހީތެރިކަމާ އެކު ކަމަށެވެ. ފީފާގެ ޕެކޭޖް މެދުވެރިކޮށް ޖުމުލަ 600،000ރ ގެ ޕެކޭޖް ބަހާލާނީ މުބާރާތުގައި ވާދަކުރާ ހަ ޓީމަށެވެ.
އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގްގެ ދައުވަތަކަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އޮކްޓޯބަރު މަހު ރާއްޖެ ވަޑައިގެންނެވި އެވެ. ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އިންފަންޓީނޯ ދެއްވި އެވެ.
ވިމެން ލީގުގެ ކުޅުން އިއްޔެ ފެށީ ވިކްޓަރީ އާއި ޓީސީގެ މެޗުންނެވެ. އެއީ 10 އަހަރަށް ފަހު އެފްއޭއެމުން، އަންހެން ފުޓްބޯޅައިގެ އިލެވެން ސައިޑް މުބާރާތެއް ބޭއްވާ ފުރަތަމަ ފަހަރެވެ.
މުބާރާތުގައި ދެން ވާދަކުރަނީ އެފްއޭއެމުން 2015 ގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓްގެ އިތުރުން މާޒިޔާ އާއި އޮޑި އާއި ބިސް ބުރެވެ. އެ އަހަރަށް ފަހު، އިއްޔެގެ ނިޔަލަށް އަންހެން ފުޓްބޯޅައިގެ އިލެވެން ސައިޑް މުބާރާތެއް އެފްއޭއެމުން ނުބާއްވަ އެވެ. އެކަމަކު އަންހެން ފުޓްބޯޅައިގެ މިނީ ފުޓްބޯޅަ އާއި ނައިން ސައިޑް މުބާރާތްތައް އިންތިޒާމުކޮށްފައި ވެއެވެ.
އެފްއޭއެމްގެ ރައީސް ތޯރިގް ކުރިން ވިދާޅުވެފައިވާ ގޮތުގައި އަންހެން ފުޓްބޯޅަ މުބާރާތް މެދުނުކެނޑި ކޮންމެ ސީޒަނެއްގައި ކުރިއަށްދާނެ އެވެ. އަދި ބައިވެރިވާ ޓީމުތައް އަހަރު އަހަރުން އިތުރުކޮށް އަންހެން ފުޓްބޯޅައިގައި ވެސް ޕްރިމިއާ ޑިވިޝަނަކާއި ދަށް ޑިވިޝަނެއް ބޭއްވުމެވެ.
މުބާރާތުގެ ފުރަތަމަ މެޗު ވިކްޓަރީން ޓީސީ ބަލި ކުރީ 6-0 ންނެވެ. މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.