އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކު ހޮސްޕިޓަލަށް ގެންދިޔައީ މިނިސްޓަރު އިހުސާންގެ ކާރުގައި!
އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކު ހޮސްޕިޓަލަށް ގެންދިޔައީ މިނިސްޓަރު އިހުސާންގެ ކާރުގައި!

މާލެއިން ހުޅުމާލެއަށް ދިޔަ ދެ ސައިކަލު ބްރިޖު މަތިން ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެފައިވަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކާރުގައި އެމީހުން ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވި ވަގުތު މިނިސްޓަރު އިހުސާން ވެސް ދިޔައީ މާލެއިން ހުޅުމާލެއަށް ރަސްމީ ކާރުގައި ދަތުރުކުރައްވަމުންނެވެ. އެކަމަކު ހާދިސާ ހިނގި ތަން ފެނިވަޑައިގަތުމުން އިހުސާން ވަނީ ކާރު ހުއްޓަވާ، އެކްސިޑެންޓުގައި އަނިޔާވި މީހާ އަވަސް ފަރުވާއަށް ހޮސްޕިޓަލަށް އެ ކާރުގައި ގެންދިއުމަށް ފުރުސަތު ދެއްވައިފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ އިރުއޮއްސި 6:35 ހާއިރު ކަަމަށެވެ. އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންދިޔައީ މިނިސްޓަރު އިހުސާންގެ ކާރުގައި ކަމަށެވެ.

އެ އެކްސިޑެންޓުގައި އެކެއްގެ މޫނުމަތިން ފަޅައިގެން ގޮސް، އަދި އަނެއް މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް އަނިޔާތަކެއް ލިބިފައިވެ އެވެ. އަދި އެ ހާދިސާގައި ދެ ސައިކަލަށް ވެސް ގެއްލުންވި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.