އޭޝިއާގެ އެކި ގައުމުތަކުގައި ފެން ބޮޑުވެ މަރުވި އަދަދު ހާހުން މަތީގައި
އޭޝިއާގެ އެކި ގައުމުތަކުގައި ފެން ބޮޑުވެ މަރުވި އަދަދު ހާހުން މަތީގައި

އޭޝިއާގެ އެކި ގައުމުތަކަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1،160 އަށް ވުރެ މައްޗަށް އަރައިފި އެވެ.

މިދިޔަ ހަފްތާގައި ސްރީ ލަންކާގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހިފައި ވާއިރު، އިންޑޮނީޝިއާގެ ސުމަޓްރާއަށާއި ތައިލެންޑުގެ ދެކުނުގެ ސަރަހައްދުތަކަށާއި މެލޭޝިޔާގެ އުތުރުގެ ސަރަހައްދުތަކަށް ވަނީ ބޯކޮށް ވާރޭ ވެހިފަ އެވެ.

މިއީ މި ސަރަހައްދުގެ ގިނަ ގައުމުތަކަށް ވިއްސާރަ މޫސުން ނަމަވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު، ބޯކޮށް ވާރޭ ވެހުން ވަނީ ގިނަވެފަ އެވެ.

އޭޝިއާގެ އެކި ގައުމުތަކަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ގައުމުތަކަށް މި ވަގުތަށް އެންމެ މުހިންމު ކަންކަން ދެނެގަތުމަށް ޓީމުތައް ފޮނުވަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

ޑަބްލިޔު.އެޗް.އޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ޖެނީވާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި ކާރިސާތަކަކީ ހަގީގަތެއްކަން އިތުރަށް ހާމަވި ހާދިސާތަކެއް ކަމަށެވެ.

އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ އުތުރު ސުމަޓްރާ އަށް ވަޑައިގެން ވިދާޅުވީ، އެންމެ ގޯސް ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށާއި އެންމެ ބޮޑު އިސްކަމެއް މިހާރު ދެނީ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް ކަމަށެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން އެހެން ހިސާބުތަކާ ގުޅުން ކެނޑިފައިވާ ސަރަހައްދުތަކަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ސްރީ ލަންކާއަށް މިއިން ޒަމާނަކު ވެސް ކުރިމަތިނުވާ ވަރުގެ ގެއްލުންތައް މި ވިއްސާރާގައި ކުރިމަތިވެ 350 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެ ގައުމުން ވަނީ ބައިނަލްއަގުވާމީ އެހީތެރިކަމަށް ވެސް އެދިފަ އެވެ. ނަމަވެސް 593 މީހުން މަރުވެ 470 މީހަކު ގެއްލިފައި ވާއިރު ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރައްވާތީ ޕްރަބޯވޯ އަށް ވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވެފަ އެވެ.

މިއީ 2018 ވަނަ އަހަރު ސުލަވޭސީއަށް އައި ބިންހެލުމަކަށް ފަހު ސުނާމީ އެރި ހާދިސާގެ ފަހުން އެންމެ ގިނަ މީހުން މަރުވި ހާދިސާ އެވެ. އެ ސުނާމީގައި 2،000 މީހުން މަރުވި އެވެ.

ލަންކާގައި ވެސް މިއި 2004 ވަނަ އަހަރު ސުނާމީއަށް ފަހު އެންމެ ގެއްލުން ބޮޑު ގުދުރަތީ ހާދިސާގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.