01 ޑިސެމްބަރ 2025 - 22:16

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ފަހުން އޭނާ ފުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންގޮސްފި އެވެ.
ރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީއަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތު ފުލުހުންނަށް ހުށަހެޅީ އެ ކުދިންގެ އާއިލާގެ ފަރާތުން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
އެ މައްސަލާގައި ސުވާލު ކުރުމަށް އޭނާ މިއަދު ހަވީރު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ފުލުހުން މިރޭ ބުނިގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއާޕޯޓަށް ގޮސް ހުއްޓާ ކަމަށެވެ.
ނަމަވެސް އޭނާ ފުރައިގެން ދާން އުޅުނީ ކޮން ތަނަކަށް ކަމެއް ސާފެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ އެއާޕޯޓްގައި ހުރީ މާސްކް އަޅައިގެންނެވެ.
އެ މައްސަލަ ރިޕޯޓް ކުރިއިރު އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ. އަދި ފުލުހަށް އޭނާ ހާޒިރުކުރީ ވެސް އޭނާ މިއަދު ރާއްޖެ އައުމާއެކު ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނަސް، ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
އެ މައްސަލާގައި ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ކޮށްފައިވެ އެވެ.
އެ މައްސަލާގައި ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން ސަނީ އުމަރުގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މީގެ އިތުރުން ޓްރެވަލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި އަދި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.