18 މެއި 2016 - 11:56

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ވެލެންސިއާގެ ފެންވަރު ވަޒަންކޮށްލަން ލިބޭ ފުރުސަތެއް ކަމަށް އެ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ބުނެފި އެވެ.

ލީގުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުން ބީޖީ އަތުން 3-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ވަނީ އީގަލްސްއާ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
ޝިބާ ބުނީ ލީގުގައި މި ފަހަރު ވާދަކުރާ ޓީމުތަކަށް ބަލާއިރު އެންމެ ވަރުގަދަ ޓީމަކީ މާޒިޔާ ކަމަށެވެ.
"ފުރަތަމަ ދެ މެޗުގެ ނަތީޖާ ރަނގަޅު. ދެން މިއޮތީ އެންމެ ވަރުގަދަ މެޗު. ހަގީގަތުގައި މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެގެން ވެލެންސިއާގެ ފެންވަރު ވަޒަންކޮށްލެވޭނީ. އެއީ މާޒިޔާގައި އެ އޮތީ ގައުމީ ޓީމުގެ ކުޅުންތެރިން ގިނައިން. އެ ފަދަ ޓީމަކާ ކުޅެގެން ޓީމަށް އައިސްފައިވާ ކުރިއެރުމެއް އެނގޭނީ،" މާޒިޔާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝިބާ ބުންޏެވެ.
ވެލެންސިއާ އިން އަންނަނީ ރަނގަޅު ޕްލޭނަކާ އެއްކޮށް ކުރިން އެ ޓީމު އޮތް މަގާމަށް ވާސިލްވުމަށް މަސައްކަތް ކުރަމުން ކަމަށް ޝިބާ ބުންޏެވެ.
"އަޅުގަނޑުމެން މި އަންނަނީ އަހަރަކަށް ފަހު އަހަރެއް ޓީމު ވަރުގަދަކޮށް ކުރިން ވެލެންސިއާ އޮތް ހިސާބަށް މި ކްލަބް ގެންދަން މަސައްކަތްކުރަމުން. މި ފަހަރު ޓީމު ވަރުގަދަ ކުރީ ވެސް އެ ވިސްނުމުގައި. ލީގަށް ވާދަކުރެވޭ ފެންވަރު ހުރިތޯ އެ ސުވާލަށް ޖަވާބުދޭން އެނގޭނީ ފުރަތަމަ ބުރު ނިމުމުން." ޝިބާ ބުންޏެވެ.
މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވެލެންސިއާ އިން ވަނީ 2014 ވަނަ އަހަރު ކްލަބް އީގަލްސް އަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންޖެލް ކަރަސްކޯ މުނޯޒް އެ ޓީމަށް ގެނެސްފަ އެވެ. އޭނާ މިދިޔަ އަހަރު ކުޅުނީ އޮމާންގެ އަލް އޮރޫބާ އެފްސީ އަށެވެ. ވެލެންސިއާގެ ފުރަތަމަ މެޗުގައި ބީޖީ ކޮޅަށް އެންޖެލް ދެ ލަނޑު ޖެހިިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އެވެ.