01 ޑިސެމްބަރ 2025 - 19:25

"ޖާވާކަރަ" އިގެ ނަމުގައި ޅ. އަތޮޅުގައި މަޝްހޫރު ފަޅުގައި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް އިން ހިންގާ ރިސޯޓް ޗޭނުގެ ތިން ވަނަ ރިސޯޓް "ނަލަ މޯލްޑިވްސް ބައި ޖާވާކަރަ" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ނަލަ މޯލްޑިވްސް ރިސޯޓު ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމާއި ޗަމްޕާ ގްރޫޕްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ފާހަގަކުރެއްވި ގޮތުގައި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ އިނޮވޭޓިވް އެއް ކުންފުންޏެވެ.
"އިންޑަސްޓްރީ ކުރިއަރުވަން ތިޔަބޭފުޅުން ކުރައްވާ މަސައްކަތަށް އަދި އިންޑަސްޓްރީ އަށް އޮންނަ ޝައުގުވެރި ކަމުގެ ބޮޑުކަމާ އެކު ގާއިމް ކުރައްވަމުން ގެންދަވާ މަތީ މިންގަނޑުތަކާއި އާ ގޮތްތައް ހޯއްދަވައި ދެއްވަން ކުރައްވާ ކަންކަމަށް އަޅުގަނޑު ތައުރީފު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވީ، "އޯވަ ވޯޓާ ވިލާތައް" ހިމެނޭހެން 80 ވިލާއާ އެކު ހަދާފައިވާ ނަލަ މޯލްޑިވްސްއަކީ ލަގްޒަރީ ފަސްތަރީގެ އެންޓްރީ ލެވެލްގެ ރިސޯޓެއް ކަމަށެވެ. އަދި މި ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ޖާވާކަރައިގެ އަނެއް ދެ ރިސޯޓު ކަމަށްވާ މާބިންހުރާ އާއި ދެރު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ [ގިނަ ރަށްތައް އެކުލެވޭ ރިސޯޓް ޗޭނު] ރާއްޖެ އަށް އެންމެ ރަނޅު ގޮތް،" އޭނާ ވިދާޅުވި އެވެ.
ސޮލާހު ވިދާޅުވީ، ނަލަ އަށް ބޭނުންވާ ކަަރަންޓުގެ 1.8 މެގަވޮޓް އުފައްދަނީ ސޯލާ ހަކަތައިން ކަމަށެވެ. މި ރިސޯޓުގެ ހުރިހާ އޮޕަރޭޝަނެއް ވެސް ހިންގާނީ ދެމެހެއްޓެނިވި ގޮތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ދެމެހެއްޓެނިވި ޓުއަރިޒަމް އޮންނާނެ ކަމަށް ބަލައިގެން އަންނަ ޓޫރިސްޓުން ހިތްހަމަނުޖެހޭ ގޮތް ނުވާނެކަން ކަށަވަރު ކުރުމަށް ޓަކައި،" ސޮލާހު ވިދާޅުވި އެވެ.
ޖަވާކަރައަކީ ޅ. އަތޮޅުގެ މުޅި އިރުމަތީ ބިއް އެއްކޮށް އެއް ފަޅެއްގެ ގޮތުގައި އޮންނަ ސަރަހައްދެކެވެ. މީހުން އުޅޭ ރަށެއް ކަމަށްވާ އޮޅުވެލިފުށި ވެސް އޮންނަނީ އެ ފަޅުގަ އެވެ.
މިއަދު ހުޅުވި ނަލަ މޯލްޑިވްްސްއާ އެކު، ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ އަދަދު 11 އަށް އެރީ އެވެ.
ސީއީއޯ ސޮލާހު ވިދާޅުވި ގޮތުގައި އެ 11 ރިސޯޓުގެ ތެރެެއިން ދެ ރިސޯޓަކީ ފޯބްސް ސެޓިފައިޑް ފައިވްސްޓާ ރިސޯޓްތަކެވެ. ރާއްޖޭގައި ފޯބްސް ސެޓިފައިޑް ފައިވް ސްޓާ ރިސޯޓު ހިންގާ ހަމަ އެކަނި އޮޕަރޭޓަރަކީ ކްރައުންޑް އެންޑް ޗަމްޕާ ރިޒޯޓްސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.