01 ޑިސެމްބަރ 2025 - 15:38

ސްރީ ލަންކާއަށް އެރި ތޫފާނުގައި އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހިންގެ ފަރާތުން އެހީވުމަށް ކުރިއަށް ގެންދިޔަ "ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް ސިފައިންނާއި ފުލުހުންގެ ފަރާތުން ތިން މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

މި ޓެލެތޯނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ޖުމްލަ 2.4 މިލިއަން ރުފިޔާ އެ އިދާރާ އިން ވަނީ ލަންކާއަށް އެހީވާން ހަދިޔާކޮށްފަ އެވެ. މިއީ އެއް އިދާރާއަކުން ދިން އެންމެ ބޮޑު އެހީތެރިކަމެވެ.
ޓެލެތޯނަށް ދެވަނައަށް އެންމެ ބޮޑު އެހީތެރިކަމެއްވީ ސިފައިންނެވެ. އެ އިދާރާ އިން ވަނީ އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ.
ޕީއެސްއެމުން އިންތިޒާމުކޮށްގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯނުގައި މިހާތަނަށް ޖުމްލަ 11 މިލިއަން ރުފިޔާ އާއި 43،631.31 ޑޮލަރު ވަނީ އެކައުންޓުތަކަށް ލިބިފަ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި ވޯޓު ފޮށިތަކަށް ލިބުނު ފައިސާ ވެސް މިހާރު އަންނަނީ ގުނަމުންނެވެ.
އިއްޔެ ހެނދުނު 9:00 ގައި ފެށި އެ ޓެލެތޯން އެންމެ ފުރަތަމަ ކުރިއަށް ގެންދަން ނިންމީ ރޭ މެންދަމު 1:00 އާ ހަމައަށެވެ. އެކަމަކު ޓެލެތޯނުގެ ވަގުތު ދަންމާލައި މިއަދު މެންދުރު ފަހު 2:00 އާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ.
ޕީއެސްއެމުން އެ ޓެލެތޯން ބާއްވަން ނިންމީ ލަންކާ އަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް ގުޅުން އޮންނަ، އެންމެ ކަރިރީގައި އޮތް އަވައްޓެރި ގައުމު ކަމަށް ވާތީ ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމުގެ ގޮތުންނެވެ. ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ.
ތޫފާނުގައި ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދިވެހި ސަރުކާރުން ވެސް ވަނީ 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ނިންމައިފި އެވެ.
ތޫފާން ދީތުވާގެ ސަބަބުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތަކުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 355 މީހަކު މަރުވެ، 366 މީހަކު ގެއްލިފައިވާކަން މިހާތަނަށް ވަނީ ކަށަވަރުވެފަ އވެ. ގަދަވަޔާ އެކު ވެހުނު ބޯވާރޭގައި ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން ލަންކާގައި ކުއްލި ނުރައްކާތެރިކަމުގެ ހާލަތު ވެސް ވަނީ އިއުލާނުކޮށްފަ އެވެ.