01 ޑިސެމްބަރ 2025 - 15:13

ތޫފާން ދީތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި ޓެލެތޯން މިއަދު ނިންމާލި އިރު 11.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖޭގެ މީޑިއާތަކުގެ ބައިވެރިވުމާ އެކު އިއްޔެ ހެނދުނު 9:00 ގައި ފެށި ޓެލެތޯން މިއަދު މެންދުރު ފަހު 2:00 ގައި ނިންމާލި އިރު 10،892،357.82ރ. އަދި 43،631.31 ޑޮލަރު (672،795ރ.) ލިބިފައިވެ އެވެ. މިއީ ޖުމްލަ 11.5 މިލިއަން ރުފިޔާ ކަމަށް ވާއިރު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ބެހެއްޓި ފަންޑު ފޮށިތަކުން ލިބުނު ފައިސާ އަދި ގުނާ ނުނިމޭތީ، މި އަދަދު އަދިވެސް އިތުރުވާނެ އެވެ.
ޕީއެސްއެެމްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު "މިހާރު" އަށް ވިދާޅުވީ މިއީ 2:00 އާ ހަމަަށް އެކައުންޓުތަކަށް ޖަމާވި އަދަދު ކަމަށެވެ.
ޔާމީން ވިދާޅުވީ ޕީއެސްއެމްގައި ބަހައްޓާފައި ހުރި ފަނޑު ފޮށި ފިޔަވައި ބާކީ ހުރި ހުރިހާ ފޮށިތަކެއް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. ޕީއެސްއެމްގެ ފޮށި ވެސް މިހާރު ތިބި މީހުން ނިމުމުން ބަންދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފޮށިތައް ގުނަން ފަށާނީ އޭގެ ފަހުން ކަމަށް ވިދާޅުވި އެވެ.
ޖުމްލަ 37 މީޑިއާއަކުން ބައިވެރިވި އެ ޓެލެތޯން ކުރިއަށް ގެންދިޔައީ ލަންކާ އަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް ގުޅުން އޮންނަ، އެންމެ ކަރިރީގައި އޮތް އަވައްޓެރި ގައުމު ކަމަށް ވާތީ ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމުގެ ގޮތުންނެވެ.
ލަންކާ އަށް ވެފައިވާ ގެއްލުންތަކާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވެސް 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަން ވަނީ ނިންމައިފަ އެވެ.
ތޫފާން ދީތުވާގެ ސަބަބުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 330 އިން މައްޗަށް ވަނީ ގޮސްފަ އެވެ. މިއީ ލަންކާއަށް 2004 ގެ ސުނާމީއަށް ފަހު އެންމެ ބޮޑު ގެއްލުމެއްވި އަދި އަދި އެންމެ ގިނަ މީހުން މަރުވި ގުދުރަތީ ކާރިސާއަށް މިހާރު ވަނީ ވެފަ އެވެ.
ލަންކާއަށް އެރި މި ތޫފާނަކީ 2017 ވަނަ އަހަރު އެ ގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލުނު ފަހުން ކުރިމަތިވި އެންމެ ނުރައްކާތެރި މިފަދަ ކާރިސާ އެވެ. ޖޫން 2003 ގައި ވެސް ވަނީ ހަމަ މިފަދަ ހާދިސާތަކެއްގައި 254 މީހަކު މަރުވެފަ އެވެ.