ދީޕަކް ތިޖޯރީ: ސައްހަ ނޫން ކައިވެންޏެއްގައި 20 އަހަރު
ދީޕަކް ތިޖޯރީ: ސައްހަ ނޫން ކައިވެންޏެއްގައި 20 އަހަރު

ދީޕިކް ތިޖޯރީ އަކީ ތަންކޮޅެއް ކުރިން ވަރަށް ގިނަ ފިލްމުތަކުގައި ސަޕޯޓިން އެކްޓަރުގެ ރޯލު އަދާކޮށްފައިވާ މީހެކެވެ. ފަހުން ފިލްމު އުފެއްދުމުގައި ވެސް އޭނާ ހަރަކާތްތެރިވި އެވެ. ދީޕަކް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "އާޝިގީ" އާއި "ޖޯ ޖިތާ ވޮހީ ސިކަންދަރް"، "ކަބީ ހާނ ކަބީ ނާ"، "އަންޖާމް"، "ގުލާމް" އަދި "ބާދްޝާހް" ފަދަ ފިލްމުތައް ހިމެނެ އެވެ. އޭނާގެ ޚަބަރެއް ނުވެ ގިނަދުވަސް ތަކެއް ދިއުމަށްފަހު ކުއްލިއަކަށް އޭނާގެ ނަން އަޖައިބެއް ކަހަލަ ކަމަކާ ބެހޭ ގޮތުން ދައްކަން ފަށައިފި އެވެ.

ޝިވާނީ ތޯމަރް ނަމަކަށް ކިޔާ މީހަކަށް ދީޕިކް ކައިވެނިކުރިތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދާދިފަހުން ދީޕިކް އާއި ޝިވާނީއާ ދެމެދު އަރާރުންތަކެއް ހިނގައި ޝިވާނީ ވަނީ ދީޕިކް ގެއިން ނެރެލާފަ އެވެ. އޭގެ ފަހުން އެނގުނީ ޝިވާނީ އަކީ އޭނާގެ އަންހެނުން ނޫންކަމެވެ. މި ދެ މީހުންނަށް ލިބިފައިވާ އަންހެން ދަރިފުޅަށް ވެސް 20 އަހަރު ވެފައި ވަނިކޮށް މި އެނގުނު މައުލޫމާތުން ދީޕަކަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ.

ޝިވާނީ ގެއިން ނެރެލުމުން ދީޕަކް ދިޔައީ ޝިވާނީ ވަރިކުރުމަށްޓަކައި ގާނޫނީ ވަކީލެއް ކައިރިއަށެވެ. އެ ގާނޫނީ ވަކީލު ދީޕަކް ކައިރީ ބުނި ގޮތުގައި ޝިވާނީ ދީޕަކްއާ ކައިވެނި ކުރީ އޭނާ ފުރަތަމަ ކައިވެނި ކުރި މީހާ ކައިރިން ވަރިނުވެ އެވެ. އެހެންކަމުން ދީޕަކް އާއި ޝިވާނީ ކުރި ކައިވެންޏަކީ ގާނޫނީ ގޮތުން ބަލާއިރު ސައްހަ ކައިވެންޏަކަށް ނުވެ އެވެ.

ހިންދުސްތާން ޓައިމްސްގައިވާ މި ޚަބަރު ބުނާ ގޮތުން މިހާރު ޝިވާނީ ވެސް ވަނީ ދީޕަކް ކައިރިން ވަރިވެ ޚަރަދު ހޯދަން ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ދީޕަކްގެ މިހާރުގެ މާލީ ހާލަތު ހުރި ގޮތުން ޝިވާނީ ބުނާ އަދަދަކަށް ފައިސާ ދެވޭ ވަރުގެ ތަނަވަސްކަމެއް ވެސް އޭނާގެ ނެތެވެ. ޝިވާނީ އާއި އޭނާގެ ޒަމާންވީ ކައިވެނީގައި ސައްހަކަމެއް ނެތްކަން އެނގުނީ މި މައްސަލަ ގާނޫނީ ވަކީލާ ހަމައަށް ދިއުމުންނެވެ.

އެމީހުންނަށް ލިބިފައިވާ ދަރިފުޅަށް ވެސް މިހާރު 20 އަހަރު ފުރިފައި ވާތީ އެއްވެސް ހާލެއްގައި ދަރިފުޅަށް ޚަރަދު ދޭކަށް ދީޕަކަށް ނުޖެހޭނެކަމަށް އޭނާގެ ވަކީލު ބުނެ އެވެ. އަދި އަނބިމީހާ ވެސް އެއީ އަންބަކަށް ނުވާތީ އޭނާއަށް ވެސް ޚަރަދު ދޭން ނުޖެހޭނެކަމަށް އޭނާގެ ވަކީލު ވަނީ ބުނެފަ އެވެ.