01 ޑިސެމްބަރ 2025 - 10:41

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެ ކޮމިޓީން ވަކިކޮށްފި އެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އިޖުތިމާއީ ކޮމިޓީއަށް ގެނައި ބަދަލު އިއުލާން ކުރައްވައިފަ އެވެ. އަސްމާގެ ބަދަލުގައި ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އެވެ.
ކޮމިޓީގެ އާ މުގައްރިރެއް އަދި ކަނޑައެއްނާޅަ އެވެ.
އަސްމާ ކޮމިޓީން ވަކިކޮށްފައި މި ވަނީ ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރަން ނުވަތަ މެސެޖެއް ދޭން ބޭނުންވާ ނަމަ، އެންގުމަށް އެދިވަޑައިގެން، އަސްމާ އޭނާގެ ދާއިރާގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.
އަސްމާ ވަނީ އެ މެސަޖާ ގުޅިގެން މާފަށް ވެސް އެދިވަޑައިގެންފަ އެވެ. އޭނާ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އޭނާ ފޮނުއްވި މެސެޖަކީ ޖަލްސާގައި އެއްވެސް ސަބަބަކާ ހުރެ ރައީސްއާ ސީދާ ސުވާލުކުރަން ފުރުސަތު ނުލިބޭ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސްއާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފޮނުވި މެެސެޖެއް ކަމަށެވެ.
އަސްމާގެ މެސެޖާ ގުޅިގެން ރައީސް، މަޖިލިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ރައްޔިތުން ސީދާ ގޮތެއްގައި އެ މަނިކުފާނާ ސުވާލުކޮށް، ދޭން ބޭނުންވާ މެސެޖެއް އޮތް ނަމަ ދިނުމަށާއި ސިޓީއެެއް ހަވާލުކުރަން އޮތް ނަމަ ހަވާލުކުރަން ފުރުސަތު ދިނުމުގެ ގޮތުން ބާއްވަވާ ބައްދަލުވުންތަކެއް ކަމަށެވެ.
"މި ނޫން ގޮތަކަށް ރައްޔިތުން ގާތު ބައެއް އެމްޕީސް [ރައްޔިތުންގެ މަޖިލީހުގެ މެންބަރުން] މެސެޖްކޮށް ދަންނަވަމުން ދާތީ އެކަން އެގޮތަށް ނުކުރެއްވުމަށް ދަންނަވަން،" މެމްބަރުން ތިއްބަވާ ގްރޫޕަށް ރައީސް ފޮނުއްވި މެސެޖްގައި ވިދާޅުވި ކަމަށް ވެ އެވެ.
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި ކުރާނެ ސުވާލާއި ފާޅުކުރާނެ ހިޔާލު ކުރިން ހުށަހަޅަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވާ ރައްޔިތުން ދައްކަން ބޭނުންވި ވާހަކައެއް މިނިވަންކަމާ އެކު ދެއްކުމުގެ ފުރުސަތު މިހާތަނަށް ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.