ވިދްޔާގެ "ބޭގަމް ޖާން"ގެ ބޮޑު ބައެއް ކަނޑާލަން އަންގައިފި
ވިދްޔާގެ "ބޭގަމް ޖާން"ގެ ބޮޑު ބައެއް ކަނޑާލަން އަންގައިފި

ވިދްޔާ ބާލަންގެ "ބޭގަމް ޖާން" އަކީ އިންޑިއާ އާއި ޕާކިސްތާނު ވަކިވި ދުވަސްވަރުގެ ހާދިސާތަކަށް ކުޅެފައިވާ ފިލްމެކެވެ. ސްރިޖީތު މުކަރުޖީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ދައްކަނީ އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަނެއް ހިންގާ އަންހެނެއްގެ ވާހަކަ އެވެ. މިއީ އެތަން ބަންދުކުރަން މަސައްކަތްކުރާ މީހުންނާ ދެކޮޅަށް، އެތަން ހިންގާ އަންހެންމީހާ ކުރާ މަސައްކަތް ދައްކައިދޭ ފިލްމެކެވެ.

ފިލްމަކީ ވަރަށް ވަރުގަދަ މެސެޖެއް އެކުލެވިގެންވާ މޮޅު ފިލެމެކެވެ. ނަމަވެސް ފިލްމު ބިނާކޮށްފައިވާ ދުވަސްވަރާއި މައުލޫއަށް ބަލާއިރު ސެންސަރު ބޯޑުން މައްސަލަތަކެއް ކުރިމަތި ކުރުވާނެ ކަމަކަށް ފިލްމު އުފެއްދި ފަރާތުން ވިސްނާފައިވާ ކަމަކަށް ނުބެލެވެ އެވެ.

މި މަހު ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާއިރު ސެންސަރު ބޯޑުގައި ފިލްމު މިހާރު އޮތީ ތާށި ވެފަ އެވެ. ފިލްމުގެ 12 މަންޒަރެއް ކަނޑަލަން އެ ބޯޑުން އަންގާފައިވާއިރު ވިދްޔާގެ ކެރެކްޓާ ވާހަކަ ދައްކާ ހުތުރު ބަހުރުވަ ވެސް އެއަށް ވުރެ ރީތިކުރަން ވަނީ އަންގާފަ އެވެ. އަދި މީހުންނާ ދިމާލަށް ބޭނުންކޮށްފައިވާ ބައެއް ކަހަލަ ހުތުރު ބަސްތައް ފިލްމުން ފޮހެލަން ވެސް ސެންސަރު ބޯޑުން ވަނީ އަންގާފަ އެވެ.

ހުތުރު ބަހުން ވާހަކަ ދައްކަ މަންޒަރުތަކުގެ އިތުރުން ވީދްޔާގެ ގައިގޯޅި މަންޒަރުތައް ވެސް މަދުކުރަން ސެންސަރު ބޯޑުން އަންގާފައިވެ އެވެ.

ހަމައެކަނި ބޮޑެތި މީހުންނަށް ބެލެވޭ ފިލްމެއްގެ ގޮތުގައި ވެސް ފިލްމު ފާސްކޮށްދެވޭނީ މިފަދަ ގިނަ މަންޒަރުތައް ކަނޑައި ބައެއް ތަންތަނުގެ ޑައިލޯގްވެސް ބަދަލުކޮށް ކަމަށް ސެންސަރު ބޯޑުން ވަނީ ބުނެފަ އެވެ. އަދި ހަމަނުޖެހުން ހިންގާ މަންޒަރެއްގެ ވެސް ދެބައިކުޅަ އެއްބައި ވަނީ ފޮހެލަން ޖެހިފަ އެވެ. މިފަދަ ގިނަ މަންޒަރުތަކެއް ފާހަގަކޮށް އެތަންތަން ކަނޑާލުމުން ނޫނީ ފިލްމު ފާސްކޮށް ނުދޭނެ ކަމަށް ސެންސަރު ބޯޑުން ބުންޏެވެ.