30 ނޮވެމްބަރ 2025 - 16:51

ގަވާއިދާ ހިލާފަށް އެއްވެސް އިރުޝާދެއް އިމިގްރޭޝަންގެ އެއްވެސް އޮފިސަރަކަށް ނުދެވޭނެ ކަމަށް އެ ތަނުގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު އަންގަވާ ކަމަށް އިމިގްރޭޝަންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު ޝިފާން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މާޗު މަހު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000ރ. ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރު ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިމިގްރޭޝަންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ހެޑް، ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ހެކިބަސް ދެއްވާފައިވެ އެވެ.
އޭނާ ވަނީ މި މައްސަލަައިގައި ހިމެނޭ ބިދޭސީ މީހާއާ ގުޅޭ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތް ތަފްސީލުކޮށް ކިޔައި ދެއްވައިފަ އެވެ.
ޝިފާން ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަން ހިންގީ އޭރުގެ ކޮންޓްރޯލަރު ޝަމްއާންގެ އެންގެވުމަކަށް، ހުރިހާ އިޖުރާއަތްތަކާ އެއްގޮތަށެވެ. އަދި އޮޕަރޭޝަނާ ގުޅޭ ގޮތުން ޝަމްއާންގެ ފަރާތުން އައިސްފައިވަނީ ގަވައިދާ އެއްގޮތް އަމުރުތަކެއް ކަމަށް ހެކިބަސް ދެމުން ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވި ގޮތުގައި އެ ހާދިސާއަށް ފަހު، އިމިގްރޭޝަންގެ އޮފިސަރެއް ކަމަށްވާ، ޝަމްއާންއާ ގާތް ގުޅުމެއް އޮންނަ އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އަހުމަދު ލައްސާންގެ ފަރާތުން އިރުޝާދެއް ލިބުނު ކަމަށެވެ. އެއީ ވަކި ރެއިޑެއް ނުހިންގުމަށާއި އެއީ އެމީހުންގެ ބައެއް ކަމަށް ބުނެ ލިބުނު އިރުޝާދެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކަން ޝަމްއާންއާ ހިއްސާ ކުރުމުން އެގޮތަށް އެއްވެސް އޮފިސަރަކަށް ގަވާއިދާ ހިލާފު އިރުޝާދުތައް ނުދެވޭނެ ކަމަށް ޝަމްއާން އެންގެވި ކަމަށް ޝިފާން ވިދާޅުވި އެވެ.
ޝަމްއާން ވެސް ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޝިފާންއާ ސުވާލުކޮށްފަ އެވެ. އެގޮތުން އެ އޮޕަރޭޝަންގައި ބަންދުކުރި ބިދޭސީންނާ ގުޅޭ ގޮތުން ޝިފާން، ޝަމްއާނަށް ދެއްވި ލަފާ ސާފުކުރަން ސުވާލު ކުރެއްވި އެވެ. ޝިފާން ވިދާޅުވީ އެ ރޭގެ އޮޕަރޭޝަންގައި ބަންދުކުރި ބިދޭސީންގެ ފުރިހަމަ ވިސާއެއް އޮތް ކަމަށެވެ.
އެ ހާލަތުގައި އެ މީހުން ބަންދުގައި ބޭއްތިއްބިދާނެތޯ ޝަމްއާން ސުވާލު ކުރެއްވި އެވެ. ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިހުގައި ޝިފާން ވިދާޅުވީ އިތުރު ކުށެއް ނުކުރާހާ ހިނދަކު ބަންދުގައި ނުބޭތިއްބޭނެ ކަމަށެވެ.
އެކަމަކު، އެ ބިދޭސީން ބަންދުން ދޫކުރީ ޝަމްއާންގެ އެންގުމަށް ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.
މި މައްސަލައާ ގުޅިގެން ހެކިބަސް ނެގުމަށް އިތުރު އަޑުއެހުންތައް ވެސް ވަނީ ތާވަލުކޮށްފަ އެވެ.
ޝަމްއާންގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ އަތުން 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގަވާފައި ވާތީ އެވެ.
އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައި ވެ އެވެ.
ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުމަށް ފަހު، އެ ފައިސާ މާޗު 13، 2025 ގެ މެންދުރުފަހު 3:00 ހާއިރު ޝަމްއާންގެ އަތަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ އަތުގައި ބަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުން ކޮށްގެން، ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
މައްސަލާގައި ޝަމްއާންގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެއީ މ. ހަޒާރީވިލާ، އަހުމަދު ލައްސާންގެ އިތުރުން ގ. ހެޕީސައިޑް އަހުމަދު ޝަހެޝަން އާއި އެގޭ އިބްރާހިމް އަހުމަދާއި ތ. ބުރުނީ މޫނިމާގޭ، އަހުމަދު އަލްސަން އިސްމާއިލްގެ މައްޗަށެވެ.
އޭގެ ތެރެއިން ލައްސާން އަދި އަލްސަންއާ އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދި އެވެ. އަލްސަންގެ މައްޗަށް މިއަދު ވަނީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް އަދި 45،000ރ. ޖޫރިމަނާގެ އަދަބު ކަނޑައަޅައިފަ އެވެ.