30 ނޮވެމްބަރ 2025 - 14:36

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި 16 ދައުވާއެއް ހުސެއިން ޝިފާއުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް، 23 ދައުވާއެއް ޝިފާއުގެ މައްޗަށް ދައުލަތުން ކުރި އެވެ. އޭގެ ތެރެއިން 16 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.
ސާބިތުވީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ހަތް ދައުވާއާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފަ އެވެ.
ސާބިތުވި 16 ދައުވާގެ އަދަބު ކަނޑައެޅުން އަންނަ ހަފުތާއަށް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ. އެ އަދަބު ކަނޑައެޅެންދެން ޝިފާއު ބަންދު ކުރަން ވެސް މިއަދު އަމުރު ނެރެފައިވެ އެވެ.
ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި މި މައްސަލަތަކުގައި 123،844.54 ޑޮލަރު (1.9 މިލިއަން ރުފިޔާ) ހިމެނޭ ކަމަށް ޕީޖީން ކުރިން ބުނެފައިވެ އެވެ.
ޝިފާއުއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ޝަރީއަތް ނިމި ހުލާސާ ބަޔާން ހުށަހަޅާ ހިސާބުގައި އޮއްވައި ދައުލަތުން ހެދި އެވެ. ނަމަވެސް، އެ އެއްބަސްވުން ބަލައިނުގަންނަން ގާޒީ އަލީ ނަދީމް ވަނީ ނިންމެވި އެވެ.
"ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކާ އެކު މަކަރާއި ހީލަތުން ކުރި ވިޔަފާރީގެ މުއާމަލާތްތަކުގެ މައްސަލައިގައި 2023 ވަނަ އަހަރު ޝިފާއު ހައްޔަރުކުރުމަށް ފަހު ކޯޓުން ދޫކޮށްލުމުން އޭނާ ފިލައިގެން ރާއްޖޭން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން އޭނާ ހޯދަން އިންޓަޕޮލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރުމުން އަމިއްލައަށް އޭނާ ރާއްޖެއަށް އައުމުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
އޭނާގެ މައްސަލަތައް ކޯޓުގައި އޮއްވައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ވެސް އައްޔަންކުރި އެވެ. ނަމަވެސް މީޑިއާގައި އޭނާގެ މައްސަލަ ހާމަކުރުމާ އެކު މަގާމުން ވަކިކުރި އެވެ.