30 ނޮވެމްބަރ 2025 - 12:58

ސިވިލް ކޯޓުގެ ދެ ގާޒީއަކާ ގުޅޭ މައްސަލަތަކެއް އެ ކޯޓުގެ ބައެއް މުވައްޒަފުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ ގާޒީ އަބްދުﷲ އިހުސާން އަދި ގާޒީ ހާފިޒާ އަބްދުއްސައްތާރުއާ ގުޅޭ މައްސަލަތަކެކެެވެ.
ގާޒީ ހާފިޒާއާ ގުޅޭ ގޮތުން މުވައްޒަފުން ހުށަހަޅާފައިވަނީ، އެނގިފައިވާ ގޮތުގައި މުވައްޒަފުންނާ މުއާމަލާތްކުރާ ގޮތާއި އަމަލުތައް ބަހައްޓާ ގޮތުގެ މައްސަލަތަކެވެ. މިދިޔަ ހަފުތާގައި ޖޭއެސްސީ އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމެއް އަދި ނޭނގެ އެވެ.
ގާޒީ ހާފިޒާއާ ގުޅޭ ގޮތުން މި ބާވަތުގެ މައްސަލައެއް މީގެ ކުރިން ވެސް ޖޭއެސްސީއަށް ހުށަހެޅި އެވެ. ނަމަވެސް، އެ މައްސަލާގައި މުވައްޒަފުން ބަޔާން ނުދިނުމުން، މައްސަލަ ސާބިތެއް ނުވި އެވެ.
ގާޒީ އިހްސާނާ ގުޅޭ ގޮތުން މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެ މައްސަލަ އެ ކޮމިޝަނުން މިހާރު އަންނަނީ ބަލަމުންނެވެ. އެނގިފައިވާ ގޮތުގައި އެއީ މުވައްޒަފަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުވާ މައްސަލައެކެވެ.
މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދުގެ މައްސަލައެއް ވެސް މުވައްޒަފުން ޖޭއެސްސީއަށް ހުށަހެޅި އެވެ. އެއީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމާއި އާ މުވައްޒަފުން ނެގުމުގައި ނުފޫޒު ފޯރުވުން ފަދަ ކަންކަންކުރާ ކަމަށް ތުހުމަތުތަކެއްކޮށް ހުށަހެޅި މައްސަލައެކެވެ.