ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް ފަލާހު
ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް ފަލާހު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރުގެ ޒިންމާ ވެސް އުފުއްލަވާ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހަކީ އަންނަ އަހަރުގެ މާޗު 28 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުކަން އެ ޕާޓީން އިއުލާންކުރީ އިއްޔެ އެވެ.

އެކަމަކު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އެ ދެ އިންތިހާބަށް ނުކުންނަ ކެންޑިޑޭޓުން އަދި ކަނޑައެއް ނާޅަ އެވެ.

ފަލާހަކީ ޕީއެންސީގެ ލީޑަޝިޕްގައި މި ވަގުތު އެންމެ ނުފޫޒު ގަދަ އަދި ސިޔާސީ ގޮތުން އެންމެ އަޑުގަދަ ލީޑަރުގެ ގޮތުގައި ފާހަގަކުރެވެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބަށް އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށައިފަ އެވެ. މިހާރު ވެސް 12 އަތޮޅެއްގެ 36 ރަށެއްގައި މީހުން ހޭލުންތެރި ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ޓީމުތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަދި އެ ދެ އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އެެ ކޮމިޝަނުން ވަނީ މި މަހުގެ 17 ވަނަ ދުވަހު އިއުލާންކޮށްފަ އެވެ. އޮފިޝަލަކަށް ވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެފަހު ތާރީހަކީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޒާހިދު ކުރިން ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޒާހިދު އޭރު ވިދާޅުވީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ "ވަރަށް އަގުބޮޑު އިންތިހާބުތަކެެއް" ކަމަށެވެ. އަދި ކުރިމަގުގައި އިންތިހާބުތަކަށް ހިނގާ ހަރަދު ކުޑަކުރަން ވިސްނުންތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި އިންތިހާބުތަކަށް އެހާ ބޮޑު ހަރަދެއް ހިނގަނީ އިތުބާުރު ކުރެވޭ އިންތިހާބުތަަކަށް ހެދުމަށްޓަކައި ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާތީ އެވެ.

.