01 އެޕްރީލް 2017 - 12:32

ސެވިއްޔާ (އޭޕްރިލް 1) – ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީއަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ބުނެ، އަންނަ ސީޒަނުގައި އެ ޓީމާ ހަވާލުވެދާނެ ކަމުގެ އިޝާރާތެއް ސެވިއްޔާގެ އާޖެންޓީނާ ކޯޗު ޖޯޖް ސަމްޕައޯލީ ދީފި އެވެ.
މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަން ދޫކޮށްލަން ލުއިސް އެންރީކޭ ނިންމާފައިވާއިރު، އެ މަގާމަށް އަންނާނެ ކޯޗަކާ މެދު ތަފާތު ވާހަކަތައް އަންނަނީ ދެކެވުމުންނެވެ. ޗިލީ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސަމްޕައޯލީ އަކީ ބާސެލޯނާއާ ހަވާލުވެދާނެ ކަމަށް ބެލެވެ އެއް ކޯޗެވެ.
"އަހަރެންގެ ހުވަފެނަކީ، މެސީ އަށް ކޯޗުކޮށްދިނުން، ގަވާއިދުން އެކަން ކުރެވުން. ކޮންމެ ދުވަހަކު މެސީއާ ކައިރިން މަސައްކަތްކުރުމަކީ ހުވަފެނެއް،" ސަމްޕައޯލީ ބުންޏެވެ.
ސަމްޕައޯލީ ބުނީ މިއީ އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާ ޖާޒީ ދެއްކި ދުވަސްތައް ފަދަ ދުވަސްވަރެއް ކަމަށާއި މެސީ ރަނގަޅު ފޯމެއްގައި ހުރެފި ނަމަ އެ ޓީމެއް ބަލިވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށެވެ.
ސަމްޕައޯލީ ވަނީ 2015 ވަނަ އަހަރު އާޖެންޓީނާ ބަލިކޮށް ޗިލީއަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދީފަ އެވެ. އަދި އޭނާ ވަނީ އެ އަހަރު ފީފާ އިން ހޮވި އެންމެ މޮޅު ކޯޗުގެ މަގާމަށް ޝޯޓްލިސްޓް ކުރި ތިން ކޯޗުންގެ ތެރޭ ހިމެނިފަ އެވެ.
މިދިޔަ އަހަރު އޭނާ ސެވިއްޔާއާ ހަވާލުވިއިރު އެ ޓީމު މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ތިން ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެ ވަނައިގައި އޮތް ބާސެލޯނާއަށް އެންމެ ވަރުގަދަ ފައިޓެއް ދެމުން އަންނަނީ އެ ޓީމުންނެވެ.