30 ނޮވެމްބަރ 2025 - 00:11

ބާސެލޯނާ (ނޮވެމްބަރު 29) - ބާސެލޯނާގެ ޒުވާޏް ތަރި ލަމީން ޔަމާލް، އެ ކްލަބްގެ ސްޕޮޓިފައި ކޭމްޕް ނޫ ސްޓޭޑިއަމްގައި ފުރަތަމަ ފަހަރަށް ލަނޑު ޖަހައިފި އެވެ.

ޔަމާލް ކޭމްޕް ނޫ ގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ މިރޭ ލީގުގައި އެޓީމު ޑިޕޯޓިވޯ އަލަވޭސްއާ ބައްދަލުކޮށް 3-1 އިން މޮޅުވި މެޗުގަ އެވެ.
އަލަވެސް އިން ފުރަތަމަ މިނިޓުގައި ޕަބްލޯ އިބަނީޒްގެ ލަނޑަކުން ލީޑު ނަގާފައި ވަނިކޮށް ބާސާ އެއްވަރު ކުރީ އަށްވަނަ މިނިޓުގައި ޔަމާލް ޖަހައިިން ގޯލުންނެވެ. އަދި ރަފީނިއާގެ އެހީތެރިކަމާ އެކު 26 ވަނަ މިނިޓުގައި ބާސާ އަށް ލީޑު ނަގައިދިނީ ޑެނީ އޮލްމޯ އެވެ.
ބާސާގެ ތިންވަނަ ލަނޑު ވެސް ޖެހީ އޮލްމޯ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި އޭނާ މި ލަނޑު ޖެހީ ޔަމާލްގެ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
މި ނަތީޖާއާ އެކު ބާސާ ވަނީ 14 މެޗުން 34 ޕޮއިންޓް ހޯދައިގެން ވަގުތީގޮތުން ތާވަލްގެ އެއްވަނައަށް ޖެހިލައިފަ އެވެ. ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 32 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ. މާދަމާ ރޭ ރެއާލް ރަށުން ބޭރުގައި ޖިރޯނާއާ ދެކޮޅަށް ނުކުންނާނެ އެވެ.
ޔަމާލް ބާސެލޯނާގެ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ 2023 ވަނަ އަހަރު ކޭމްޕް ނޫގަ އެވެ. ނަމަވެސް އޭނާ ބާސާއަށް ފުރަތަމަ ލަނޑު ޖެހީ ޖެހިގެން އައި ސީޒަންގަ އެވެ. އެ ސީޒަންގައި ކޭމްޕް ނޫ ސްޓޭޑިއަމް މަރާމާތު ކުރަން ވެގެން ހޯމް ސްޓޭޑިއަމް ގޮތުގައި ބޭނުން ކުރީ ބާސެލޯނާ އޮލިމްޕިކް ސްޓޭޑިއަމް އެވެ.
މަރާމާތުތަކަށް ފަހު ސްޓޭޑިއަމް އަލުން ހުޅުވީ މިދިޔަ ހަފްތާ ލީގުގައި އެތުލެޓިކް ކްލަބާ ދެކޮޅަށް ކުޅުނު މެޗަށެވެ. އެ މެޗުން ބާސާ 4-0 އިން މޮޅުވި ނަމަވެސް ޔަމާލްގެ ގޯލެއް ނުފެނުނެވެ. މިރޭގެ މެޗަކީ އަލުން ސްޕޮޓިފައި ކޭމްޕް ނޫ ހުޅުވި ފަހުން އެ ދަނޑުގައި ކުޅުނު ދެވަނަ މެޗެވެ.
ކޭމްޕް ނޫ އަކީ 24 ސެޕްޓެމްބަރު 1957 އިން ފެށިގެން ބާސެލޯނާގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ބޭނުންކުރާ ދަނޑެވެ.