ބާކީ އޮތީ 10 މެޗު، ހަމަބިމުގައި ތިބެން ޖެހޭ: ކޮންޓޭ
ބާކީ އޮތީ 10 މެޗު، ހަމަބިމުގައި ތިބެން ޖެހޭ: ކޮންޓޭ

ލަންޑަން (އޭޕްރިލް 1) – ޕްރިމިއާ ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއްގައި ޗެލްސީ އޮތް ނަމަވެސް ބޭނުންވަނީ ކުޅުންތެރިން ހަމަބިމުގައި ތިބެން ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު ލީގު މިއަދު އަލުން ފަށާއިރު ޗެލްސީ ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. އެއް ވަނައިގައި 69 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ލިބިފައިވަނީ 59 ޕޮއިންޓެވެ.

ލީގުގައި އެންމެ ތިން މެޗުން ބަލިވެފައިވާއިރު ކޮންޓޭ ބުނީ ބާކީ އޮތް 10 މެޗުގައި ވެސް އެ ފެންވަރަށް ކުޅެން ޖެހޭ ކަމަށެވެ.

"ފުޓްބޯޅައަކީ ވަރަށް އެހެން ކަހަކަ އެއްޗެއް. ފުޓްބޯޅަ އަކީ ހައިރާންކަމުން ފުރިފައިވާ ކުޅިވަރެއް. ފުޓްބޯޅައިގައި އަހަރެންގެ ތަޖުރިބާއަށް ބަލާއިރު ވަރަށް ގިނަ ކާމިޔާބު ލިބިއްޖެ އަދި އެއަށް ވުރެ ގިނައިން ނާކާމިޔާބު ވެސް ވެއްޖެ. އެ ސަބަބަށްޓަކައި އަހަރެން ބޭނުންވަނީ ހަމަބިމުގައި ތިބެން. އެއީ އަހަންނާއި އަހަރެންގެ ކުޅުންތެރިންނަށް ވަރަށް މުހިއްމު ކަމެއް،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ މައްސަލަތަކުން އަރައިގަތުމަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި، މިފަދަ ސީޒަނަކަށް ފަހު ޗެލްސީއަށް ޗެމްޕިއަންކަން ހައްގު ކަމަށެވެ.

"އެކަމަކު ބާކީ އެބައޮތް 10 މެޗު އަދި އަހަރެމެންނާ އިދިކޮޅު ޓީމުތަކުން ބޭނުމެއް ނުވާނެ ގަބޫލުކުރަން އަހަރެމެންމީ ޗެމްޕިއަނުން ކަމަށް،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އޮތީ އުނދަގޫ މެޗެއް ކަމަށާއި ރެލިގޭޝަނުން ސަލާމަތްވުމަށް ހަނގުރާމަކުރަމުން އަންނަ ޓީމަކާ ދެކޮޅަށް ކުޅެން އެއްގޮތަކަށް ވެސް ފަސޭހަނުވާނެ ކަމަށެވެ.

"ކްރިސްޓިއަން ބެންޓެކޭ އަކީ މަތީ ފެންވަރުގެ ކުޅުންތެރިޔެއް. ވިލްފްރިއެޑް ޒަހާ އާއި އެންޑްރޮސް ޓޯސެންޑަކީ ވެސް އެފަދަ ކުޅުންތެރިން. (މި ކުޅުންތެރިންނާ އެކު) ޕެލަސް މި ހިސާބުގައި އޮތީ ކީއްވެތޯ އަހައިފި ނަމަ އަހަންނަކަށް ވެސް ނޭގެ ދޭނެ ޖަވާބެއް،" ކޮންޓޭ ބުންޏެވެ.

"އަހަރެމެންނަށް މި ފެންނަނީ މޮޅު ކުޅުންތެރިންނާ އެކު އޮތް ޓީމެއް އެ މަގާމުގައި. އެހެން ވެދާނެ. މިދިޔަ ސީޒަނުގައި ޗެލްސީއަށް ވެސް ދިމާވި އެ މައްސަލަ."

ލިވަޕޫލް - އެވަޓަން 16:30

ޗެލްސީ - ކްރިސްޓަލް ޕެލަސް 19:00

ލެސްޓާ - ސްޓޯކް ސިޓީ 19:00

މެންޗެސްޓާ ޔުނައިޓެޑް - ވެސްޓް ބްރޮމް 19:00